މިދިޔަ އެޕްރީލް އިމްޕޯޓް ދަށްވެ، އެކްސްޕޯޓް މަތިވެފައިވާ ކަމަށް، މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އާންމުކޮށްފައިވާ އިމްޕޯޓް އެކްސްޕޯޓުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އިމްޕޯޓް އެކްސްޕޯޓުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރުގެ އެޕްރީލް މަހަށް ވުރެ މިއަހަރު އެޕްރީލް މަހު ރާއްޖެ އިމްޕޯޓް ކުރި މުދަލުގެ ސީ.އައި.އެފް އަގު ވަނީ ދަށްވެފައެވެ. އެގޮތުން މިދިޔަ އަހަރު 4.7 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކުރެވުނު އިރު، މިއަހަރު އެތެރެކޮށްފައިވަނީ 4.5 ބިލިއަން ރުފިޔާގެ މުދަލެވެ. މިއީ 4 އިންސައްތަ ދަށްވުމެކެވެ. މިއާއެކު ދައުލަތަށް ލިބުނު އާމްދަނީވެސް ވަނީ ދަށްވެފައެވެ.
މިދިޔަ އަހަރު އެޕްރީލް މަހު ދައުލަތަށް 361 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އެޕްރީލް މަހު ލިބިފައިވަނީ އެންމެ 305 މިލިއަން ރުފިޔާއެވެ. ކަސްޓަމްސްއިން ވަނީ މިއީ 16 އިންސައްތަ އާމްދަނީގެ ދަށްވުމެއް ކަން ފާހަގަކޮށްފައެވެ.
ހަމަ މިމުއްދަތުގައި ކުރެވުނު އެކްސްޕޯޓަށް ބަލާއިރު މިދިޔަ އަހަރު އެކްސްޕޯޓުގެ އެފް.އޯ.ބީ އަގު އުޅެނީ 186 މިލިއަން ރުފިޔާގައެވެ. ނަމަވެސް މިއަހަރު އެޕްރީލް މަހު މިއަގު ވަނީ 193 މިލިއަން ރުފިޔާއަށް ވަނީ އިތުރުވެފައެވެ. މިއީ 4 އިންސައްތައި އިތުރުވުމެކެވެ.
މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ އިންޑިއާ، އޮމާން އަދި ޔޫއޭއީންނެވެ. އެގޮތުން އިންޑިއާއިން 757 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، އޮމާނުން އެތެރެކޮށްފައިވަނީ 707 މިލިއަން ރުފިޔާގެ މުދަލެވެ. އެންމެ ގިނައިން އެކްސްޕޯޓް ކޮށްފައިވަނީ ތައިލޭންޑް، އިންގިރޭސިވިލާތް އަދި ޖަރުމަނަށެވެ.
ކަސްޓަމްސްއިން ހާމަކުރި ގޮތުގައި މިދިޔަ އެޕްރީލް މަހު 20،058 ޑިކްލެރޭޝަން ވަނީ ޕްރޮސެސް ކުރެވިފައެވެ. މި އެޕްރީލް މަހު ރާއްޖެއިން ބޭރުން 3 އުޅަނދު ރާއްޖެ އައިއިރު، ފުރާފައިވަނީ އެންމެ އުޅަނދެކެވެ. އަދި ރޯޔަލްޓީގެ ގޮތުގައި 2.1 މިލިއަން ރުފިޔާ ވަނީ ދައުލަތަށް ލިބިފައެވެ.