މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަން ކޮމްޕެނީއިން އިންތިޒާމުކޮށްގެން ބާއްވާ، މޯލްޑިވްސް ސްޓޯރީ-ޓެލާސް ކޮންފަރެންސް ޕާޓްނަރުންނާއި އެކު ސޮއިކޮށްފިއެވެ.
މިމަހުގެ 30 އިން ޖޫން މަހުގެ 2 ވަނަ ދުވަހާއި ހަމައަށް ކްރޮސް ރޯޑްސްގައި ބާއްވާ މޯލްޑިވްސް ސްޓޯރީ-ޓެލާސް ކޮންފަރެންސްގެ 7 ޕާޓަނަރަކާއި އެކު އެމްއެމްޕީއާރްސީން ވަނީ ސޮއިކޮށްފައެވެ. މީގެ ތެރޭގައި، މޯލްޑިވިއަން، ދިރާގު، މިފްކޯ، އެމްއޭސީއެލް، ކްރޮސް ރޯޑްސް މޯލްޑިވްސް، ޖަލްބޫޓް އަދި ޓީއެމްއޭ ހިމެނެއެވެ. މިއަދު ކޮންފަރެންސް ޕާޓްނަރުންނާއި އެކު ސޮއި ކުރުމުގެ ރަސްމީއްޔާތުގައި ޕާޓްނަރުންނާއި އެކު އެމްއެމްޕީއާރްސީގެ ފަރާތުން ސޮއިކުރި އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ ތޮއްޔިބް މުހައްމަދެވެ.
މި ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން ތޮއްޔިބް ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަކީ، އޭގެ ޒާތުގައި އަމިއްލައަށް މިހާ ހިސާބަށް އައިސްފައިވާ ސިނާޢަތެއް ނޫންކަން ފާހަގަކޮށް، ޕާޓްނަރުން އަބަދުވެސް ދެއްވާ އެއްބާރުލުމަށް ޝުުކުރު އަދާކޮށްފައެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އިތުރު އުސްމިންތަކަށް ދެވޭނީ މިގޮތަށް ކަމަށް ވިދާޅުވިއެވެ.
Visit Maldives is excited to announce that we have signed official partnership agreements for the Visit Maldives Storytellers' Conference 2023#VMSTC2023 #WorldsLeadingDestination2022 #Maldives #VisitMaldives #SunnySideofLife pic.twitter.com/ZGMhvbZvpT
— Visit Maldives (@visitmaldives) May 16, 2023
މިކޮންފަރެންސްގައި ދުނިޔޭގެ އެކި ހިސާބުތަކުން 60 އަށް ވުރެ ގިނަ ކޮންޓެންޓް އުފައްދާ ފަރާތްތަށް ބައިވެރިވާނެއެވެ. އެގޮތުން ނޫސްވެރިންނާއި، ބްލޮގަރުންނާއި، ޓްރެވެލް ރައިޓަރުންނާއިން، ސޯޝަލް މީޑިއާ އިންފްލުއެންސަރުން މީގެ ތެރޭގައި ހިމެނެއެވެ. މިއީ މިއަހަރު ބޭއްވޭ މިފަދަ އެންމެ ބޮޑު އެއް ކޮންފަރެންސް ކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ. "ވީވް ޔޯ މޯލްޑިވިއަން ސްޓޯރީގެ" ޝިއާރުގެ ދަށުން ކުރިއަށްދާ ކޮންފަރެންސަށް ފަހު ސޯޝަލް މީޑިއާ މުބާރާތުން ހޮވާލެވޭ ފަރާތްތަކަށް ރާއްޖޭގެ އެކި ސަރަހައްދު ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
އެގޮތުން، ރާއްޖޭގެ 8 ސަރަހައްދެއްގައި ސްނޯކްލިންގް، ޑައިވިން، ވޯޓާރސްޕޯޓްސް، ކަލިނަރީ ޓުއަރސް، އައިލޭންޑް ހޮޕިންގް އަދި ފިނޮޅު ޕިކްނިކް ދަތުރުތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެއެވެ. މީގެ ސަބަބުން ހަރަކާތްތަކުން އުފައްދާ ކޮންޓެންޓް ތަކުގެ ރީޗް 130 މިލިއަނަށް އަރާއިރު 14 މިލިއަނަށް ދަށްވެގެން އެންގޭޖްމެންޓް ލިބޭނެ ކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ.
މިއީ ރާއްޖޭ އިސްތިހާރު ކުރުމަށް ހިންގޭ ވަރަށް ބޮޑު ހަރަކާތަކަށް ވެގެންދާނެއެވެ. މީގެ ކުރިންވެސް އިންޓަނެޓުގައި ރާއްޖެ އިސްތިހާރު ކުރުމަށް ނޫސްވެރިންނާއި އިންފްލުއެންސަރުން އެކި ޤައުމުތަކުން ގެނެސްފައިވެއެވެ. މިއީ މިފަދަ ގިނަ ފަރާތްތަށް އެއް ތަނަކަށް ގެނެސް ހިންގޭ އެންމެ ބޮޑު ހަރަކާތަށް ވެގެން ދާނެއެވެ.