Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ޕޯލްޓަރީ ދޫނި އެތެރެ ކުރަން ފާމް ރެޖިސްޓްރީ ކުރަން ޖެހޭނެ

ޕޯލްޓްރީ ދޫނިތަކާއި ލައިވްސްޓޮކް ދެން ރާއްޖެ އެތެރެ ކުރެވޭނީ ޕައުލްޓްރީ ފާމެއް ރެޖިސްޓަރ ކޮށްގެން ކަމަށް މިނިސްޓްރީ އޮފް އެގްރިކަލްޗަރ އިން ހާމަކޮށްފިއެވެ.

އެގްރިކަލްޗަރ މިނިސްޓްރީން މިގޮތަށް ނިންމާފައިވަނީ، މާލޭގެ ގެއެއްގައި އޮސްޓްރިޗެއް ނުވަތަ ގިނިކާމާދޫންޏެއް ގެންގުޅޭ ކަމުގެ ޝަކުވާ މިނިސްޓްރީއަށް ލިބި، ފޮޓޯއާއި ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުންނެވެ. އެ ދޫނި ގެންގުޅުނު ފަރާތުން ދޫނި ގެންގުޅުނީ އޮޅުކޮށްގެން ޕެޓެއްގެ ގޮތުގައި ކަމަށް ސޯޝަލްމީޑިއާގައި ވަނީ ފެތުރިފައެވެ.

އެގްރިކަލްޗަރ މިނިސްޓްރީން ވަނީ މިފަދަ ޖަނަވަރު ތަކަކީ އިންސާނުންނާއި ވަކިން ގޭގެއާއި ދުރުގައި ގެންގުޅޭ ބާވަތުގެ ޖަނަވާރުތައް ކަން ފާހަގަކޮށްފައެވެ.

މިމައްސަލައިގައި މިނިސްޓްރީން ނެރެފައިވާ އިއުލާނުގައި ބުނީ، ޕޯލްޓްރީ ދޫނި އިމްޕޯޓް ކުރުމަށް މިނިސްޓްރީން ދޫކުރާ ހުއްދައިގެ ދަށުން މިބާވަތުގެ ދޫނި އެތެރެކޮށް އާންމު ފަރާތްތަކަށް ޕެޓްގެ ގޮތުގައި ވިއްކަމުންދާ ކަން ފާހަގަވެފައިވާ ކަމަށެވެ. މިނިސްޓްރީން ބުނީ މިފަދަ ދޫނި އެތެރެ ކުރުމުގެ ހުއްދަ މިނިސްޓްރީން ދެނީ މިތަކެތި މިނިސްޓްރީން ޤަބޫލު ކުރާ މިންގަނޑަށް ފެތޭ ފާމެއްގައި ގެންގުޅުމަށް ކަމަށެވެ. މިގޮތުން މިންގަނޑު ބިނާވަނީ ޖަނަވާރު ގެންގުޅުމުގައި ބައިނަލްއަޤްވާމީ ގޮތުން ޢަމަލު ކުރާ އެނިމަލް ވެލްފެއަރ އަދި ބަޔޯ ސެކިއުރީޓީ އަށް ބަލައި އެގޮތަށް ކަމަށެވެ.

އެހެން ކަމުން މިނިސްޓްރީން ވަނީ މީގެ ފަހުން މިފަދަ ލައިވްސްޓޮކް އާއި ޕޯލްޓްރީ ދޫނި އެތެރެ ކުރެވޭނީ މިނިސްޓްރީގައި ފާމް ރެޖިސްޓަރކޮށްގެން ކަމަށް ބުނެފައެވެ.

އަދި ރާއްޖޭގައި ޒިރާޢީ ބޭނުންތަކަށް ދިރޭ ޖަނަވާރު ގެންގުޅުމުގެ ސިނާޢަތް ކުރިއަރުވަން މިނިސްޓްރީން ހުއްދަ ދޭއިރު މިތަަކެތި ގެންގުޅުމާއި ބެލެހެއްޓުމުގައި އެތެރެކުރާ ފަރާތްތަކާއި ގެންގުޅޭ ފަރާތްތަކުން ޒިންމާދާރު ވާން ޖެހޭ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.