ކުރިން ވެސް އެކި ކަހަލަ ވިޔަފާރިތަކަށް އިންވެސްޓްކޮށްފައިވާ ބޮލީވުޑްގެ ބަތަލާ ޝިލްޕާ ޝެޓީ އަނެއްކާ ވެސް އާ ކުންފުންޏަކަށް އިންވެސްޓްކޮށްފި އެވެ.
ދުޅަހެޔޮ ދިރިއުޅުން ވަރަށް ބޮޑަށް ޕްރޮމޯޓްކުރާ 47 އަހަރުގެ ބަތަލާ އިންވެސްޓްކޮށްފައި ވަނީ އެފަދަ ކުންފުންޏަކަށެވެ. އެއީ މުމްބާއީގެ ކުންފުންޏެއް ކަމަށްވާ 100 ޕަސަންޓް ނަރިޝްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ސްޓާޓަޕް "ވިކްޑް ގުޑް" އެވެ. މި ކުންފުންޏަށް ޝިލްޕާ އިންވެސްޓްކުރީ 2.25 ކްރޯޑް ރުޕީސް އެވެ.
"ވިޑްކް ގުޑް" ގެ ބާނީ އަކީ އަދި ސީއީއޯ އަކީ ބޫމަން ދާނީ އެވެ. މީގެ ހިއްސާދާރުންގެ ތެރޭގައި މޯނިޝް ދެބްނާތު އާއި ސޯމަލިއާ ބިސްވާސް ހިމެނެ އެވެ.
"ވިކްޑް ގުޑް" އަށް އިންވެސްޓްކުރި ވާހަކަ އިންސްޓަގްރާމްގައި ހިއްސާކޮށް ޝިލްޕާ ބުނީ އެއަށް އިންވެސްޓްކުރަން ނިންމީ އޭނަ ގަބޫލުކުރާ އުސޫލުތަކަށް ކުންފުނި ބައްޓަންވެފައިތީ އާއި މީގެ ތެރެއިން ސިއްހަތަށް ފައިދާހުރި އުފެއްދުންތަކެއް ކުރިއަށް އޮތް ތަނުގައި ވެސް ގެނެސްދެވޭނެކަމުގެ ޔަގީންކަން އޮތް ކަމަށެވެ.
"މިއީ ސިއްހަތަށް ފައިދާ ހުރި އަނގަ އަށް ވަރަށް މީރު ބްރޭންޑެއް." އޭނަ ބުންޏެވެ.
"ވިކްޑް ގުޑް" އަށް ޝިލްޕާ އިންވެސްޓްކުރުމުން އެ ކުންފުނިން އެކަމަށް މަރުހަބާ ކިޔައި، ޝިލްޕާ ކަހަލަ ގިނަ ބަޔަކު ނަމޫނާއަކަށް ބަލާ މީހަކު ކުންފުންޏާ ގުޅުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމަށް ކަމަށް ބުންޏެވެ.