Last Updated: June 23, 10:33
Monday, June 23, 2025
މުނިފޫހިފިލުވުން

ސީޒަންގެ "ލޯބިވެވިއްޖެ" ގެ ސީކްއެލްއެއް

އޮލިޕްމަހުގައި މިހާރު ދައްކަމުން އަންނަ އަލީ ސީޒަންގެ ފިލްމު "ލޯބިވެވިޖެއްޖެ" ގެ ސީކްއެލްއެއް ހަދަން ނިންމިކަން އިއުލާންކޮށް، އޭގެ ޓީޒާއެއް ވެސް ދައްކާލައިފި އެވެ.

މިކަން އިއުލާން ކުރީ އިންޑިއާގެ ފިލްމީ ތަރި އަފްތާބް ޝިވްދަސާނީ އާއި ޔޫތު މިނިސްޓަރު އަހުމަދު ލޫފް ވެސް ބައިވެރިވިރި ރޭގެ ހާއްސަ ޝޯގެ ތެރޭގަ އެވެ.

"ލޯބިވެބިއްޖެ 2" އިއުލާންކުރި ނަމަވެސް ބެލުންތެރިންނަށް ފިލްމު ގެނެސްދޭނެ އިރެއް އަދި ރަސްމީކޮށް ނުނިންމަ އެވެ. އެކަމަކު ސީޒަން ވަނީ ފިލްމުގެ ފުރަތަމަ ބަޔަށް ވުރެ ހުރިހާ ގޮތަކުން ވެސް ޝައުގުވެރި އަދި މޮޅު ފިލްމެއް ބެލުންތެރިންނަށް ގެނެސްދޭނެކަމުގެ ޔަގީންކަން ދީފަ އެވެ.

މީގެ ކުރިން ވެސް ދިވެހި ބައެއް ފީޗާ ފިލްމުތަކުގެ ސީކްއެލްއެއް ބެލުންތެރިންނަށް ގެނެސް ދީފައިވެ އެވެ. އޭގެ ތެރޭގައި އަމްޖަދު އިބްރާހީމް (އަމްޖޭ) ޑައިރެކްޓްކުރި "ސަނދުރަވިރޭ" ގެ ސީކްއެލް "ސަނދުރަވިރޭ 2" އާއި އަހުމަދު ނިމާލް ޑައިރެކްޓްކުރި "ޒަލްޒަލާ" އާއި އޭގެ ސީކްއެލް "ޒަލްޒަލާ އެނބުރި އައުން" ހިމެނެ އެވެ.

"ލޯބިވެވިއްޖެ" އަކީ އަހުމަދު ޒަރީރުގެ ސްކްރީންޕްލޭއަކަށް ސީޒަން ލީޑް ބަތަލުގެ ރޯލު ކުޅެ، ޑައިރެކްޓްކުރި އިރޮޓިކް ތުރިލާއެކެވެ. މީގެ ބަތަލާއިންނަކީ މަރިޔަމް އައްޒަ އާއި އައިމިނަތު ރިޝްފާ އެވެ. ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި އަހުމަދު އީސަ (އާނަންދު)، އަލީ އާޒިމް (ދޮންއައްޔަ)، އަހުމަދު ނިމާލު އަދި އަބްދުﷲ ޝާފިއު (ފުބޫ) ހިމެނެ އެވެ.

"ލޯބިވެވިއްޖެ" އޮލިމްޕަހުގައި ޕްރީމިއާކުރީ މި މަހުގެ 3 ވަނަ ދުވަހުގެ ރޭގަ އެވެ.