މިދިޔަ އަހަރު މަތީ ސާނަވީ އިމްތިހާނުން ރަނގަޅު ނަތީޖާ ހޯދައި، ހައި އެޗީވާސް ސްކޮލާޝިޕް އައްޑޫ ހައި ސްކޫލުގެ 15 ދަރިވަރަކު ހޯދައިފިއެވެ.
މަތީ ސާނަވީ އިމްތިހާނުން ރަނގަޅު ނަތިޖާ ހޯދާ ދަރިވަރުންގެ ތެރެއިން ހައި އެޗީވާސް ސްކޮލާޝިޕް އައްޑޫ ހައިސް ސްކޫލުން ހޯދި 15 ދަރިވަރުންގެ ތެރޭގައި ހިމެނެނީ 3 ފިރިހެން ދަރިވަރުންނާއި 12 އަންހެން ދަރިވަރުންނެވެ.

ހައި އެޗީވާސް ސްކޮލާޝިޕް ހާސިލް ކުރި ދަރިވަރުންނަށް އެޑިއުކޭޝަން މިނިސްޓްރީއިން ކަނޑައަޅާ ޤައުމުތަކުގެ ތެރެއިން ބޭނުން ކޮންމެ ޤައުމެއްގައި، އެ ދަރިވަރަކު ބޭނުން ދާއިރާއަކުން ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެވެ. ދަރިވަރުން ކިޔެވުމުގެ ޙަރަދުތައް ބަލާނީ ސަރުކާރުންނެވެ.
ހައި އެޗީވާސް ސްކޮލާޝިޕްގެ އިތުރުން ރައީސްގެ ޙާއްސަ ސްކޮލާޝިޕް ހައި ސްކޫލުގެ ދަރިވަރެއް ކަމަށްވާ ފާތިމަތު ނަބާހާ ހުސެއިން ވަނީ ހޯދާފައެވެ. އެގޮތުން މަތީ ސާނަވީން އެއް ވަނަ ހޯދީ ހަތް މާއްދާގެ ތެރެއިން ފަސް މާއްދާއިން އޭ ސްޓަރ ހޯދައި، އަނެއް ދެ މާއްދާއިން އޭ ހޯދައިގެންނެވެ. ނަބާހާ ވަނީ ބަޔޮލޮޖީއިން ދުނިޔެއިން ދެވަނަ ވެސް ހޯދާފައެވެ.
ރައީސްގެ ސްކޮލާޝިޕް ލިބޭ ދަރިވަރުންނަށް ދުނިޔޭގެ ކޮންމެ ޤައުމަކުންވެސް ބޭނުންވާ ދާއިރާއަކުން ކިޔެވުމުގެ ފުރުސަތު ލިބިގެން ދެއެވެ.