ހުޅުމާލޭ ކޮންޓެއިނަރ ޕާކް ސަރަހައްދުން ކާބޯތަކެތީގެ ވިޔަފާރިއަށް ކޮމަޝާލް ދެ ޖާގަ ކުއްޔަށް ނެގުމަށް ހުޅުވާލައިފިއެވެ.
އާބަންކޯއިން ބުނެފައިވަނީ ފޭސް އެކެއްގެ ރެޑް ވޭވެ މޯލްގެ ފުރަގަހުގައި ހަދާފައިވާ މި ޕާކުން ދޫކުރަނީ ގްރައުންޑް ފްލޯގައި ހަދާފައިވާ ފާސްޓް ފުޑް އަދި ކެފޭ ހިންގާ ޖާގައެވެ. މިގޮތުން މިތަނުން ފާސްޓް ފުޑް އައުޓްލެޓެއް ހިންގުމަށް 1188 އަކަފޫޓުގެ ޖާގައެއް ދޫކުރުމަށް ވަނީ ނިންމާފައެވެ. އަދި ކެފޭއެއް ހިންގުމަށް 1165 އަކަފޫޓުގެ ޖާގައެއް ދޫކުރަން އާބަންކޯއިން ވަނީ ނިންމާފައެވެ.
އާބަންކޯއިން ފުރަތަމަ ދެ އަހަރު މި ދެތަނުގެ ކުލި ނަގާނީ 15ރ. އަކަފޫޓަކަށް ރޭޓުންނެވެ. އޭގެ ފަހުން ބާކީ 3 އަހަރު ނަގާނީ 25ރ. އަކަފޫޓޫގެ ރޭޓުންނެވެ. މި ޖާގަތަށް ދިނުމަށް ހަމަޖެހިފައިވަނީ 5 އަަހަރުގެ މުއްދަތަކަށެވެ.
މާލެ އާއި ހުޅުމާލޭގައި ދިރިއުޅޭ ގިނަ ރައްޔިތުންތަކެއް، ހަފްތާ ބަންދާއި އެކި ޗުއްޓީތަކުގައި ހުޅުމާލެ އައިސް ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި އުޅެމުން އަންނައިރު، ހުޅުމާލޭގެ ހުރިހާ ސަރަހައްދަކީވެސް މުޖުތަމައުގެ ގުޅުން ބަދަހިކޮށް، އާއިލާތަކާއި ރަހްމަތްތެރިންނަށް ވެސް ބޭނުންކުރެވޭނެ ފަދަ މާހައުލަކަށް ހެދުމަށް މި ކުންފުނިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ައުގުވެރިވާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި 5،000ރ ދައްކަން ޖެހޭނެއެވެ. އަދި ޕްރޮޕޯސަލް އޯޕަނިންގ އޮންނާނީ މި މަހުގެ 28 ވަނަ ދުވަހުގެ މެންދުރު 13:00ން 14:00 އަށް އަރބަންކޯގެ އެގްޒިބިޝަން ސެންޓަރުގައެވެ.
ރެޑްވޭވް މެގަމޯލް ފަހަތުގައި ހަދާފައިވާ ކޮންޓެއިނާ ޕާކުގައި ޖުމްލަ 5 ތަނެއް ހިންގުމަށް މި ކުންފުނިން ވަނީ ނިންމާފައެވެ. އެއީ މިހާރު ދޫކުރުމަށް ހުޅުވާލާފައިވާ ކެފޭ އަދި ފާސްޓް ފުޑް އައުޓްލެޓްގެ އިތުރަށް 2 ކޯ ވޯކިންގ ސްޕޭސްއާއި ކޮލެބޮރޭޓިވް ރޫމެކެވެ.