ތަޢުލީމީ ދާއިރާގެ އިންސާނީ ވަސީލަތްތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ރައީސުލް ޖުމުހޫރީއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ވިދާޅުވެއްޖެއެވެ.
މިދިޔަ ދެ އަހަރު ސާނަވީ ތަޢުލީމް ނިންމި ދަރިވަރުންގެ ތެރެއިން މަތީ އަރުތަވެރިންގެ އިނާމް ހާސިލް ކުރާ ދަރިވަރުންގެ އިނާމް ދިނުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މިއަދަކީ ދަރިވަރުން ކުރިއަށްދާނެ ރޮނގަކާއި މެދު ވިސްނާ ކުރިއަށް ދާނެ ގޮތަކާއި މެދު އާމާޒު ހިފަންވީ ދުވަސް ކަމަށެވެ. މި ދަރިވަރުންގެ ތެރޭގައި ތަފާތު ފަންނުތަކުން ކުރިއަށް ދެވޭނެ އެތަށް ދަރިވަރުންނެއް ތިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. މިގޮތުން އެކުއްޖެއްގެ ކިބައިގައި ހުރި ހުނަރުވެރިކަން ތަރައްޤީކޮށް ޤައުމީ ޙިދުމަތައް ނިކުތުމަކީ ކޮންމެ ދަރިވަރެއްގެ ކޮނޑުގައި އެޅިފައިވާ ވާޖިބެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ތަޢުލީމީ ރޮނގުން ކިތަންމެ މައްޗަކަށް ތަޢުލީމް ހާސިލް ކުރަން ބޭނުންވިއަސް އެ ފުރުސަތު ކޮންމެ ދިވެހި ދަރިޔަކަށް ތަނަވަސް ވެފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ތަޢުލީމުން ސިކުންޑި މުއްސަންދި ވާ ވަރަކަށް އެމީހެއްގެ ފަރާތުން ޤައުމަށް ކުރާ މަންފާ އިތުރުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
President @ibusolih and First Lady Fazna Ahmed attended the award ceremony of the "Top Achievers' Award 2021-2022" at Dharubaaruge this evening, where they celebrated the success of the top achievers in the 2021-2022 secondary and higher secondary examinations. pic.twitter.com/SaCQl16ecb
— The President's Office (@presidencymv) May 17, 2023
މީގެ އިތުރުން އަޅުގަނޑުމެން އެދޭ ތަރައްޤީގެ މަންޒިލަށް ޤައުމު ގެންގޮސްދޭނެ ރަނގަޅު ޖީލެއް ބިނާ ކުރެވޭނީ، ޒަމާނީ ތަޢުލީމާއި ތަރުބަވީ އަޙުލާޤުގެ މާހައުލެއް ސްކޫލުތަކުގައި ހަދައިގެން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސްކޫލުގައި އެފަދަ މާހައުލެއް ޤާއިމް ކުރުމަށް ވެރިންނާއި ޓީޗަރުންގެ ގައިގައި އިލްމީ ހުނަރާއި ޤަބިލީއްޔަތުކަން ހުންނަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
" ޖުމްލަކޮށް ދަންނަވާނަ، ތަޢުލީމީ ދާއިރާގެ އިންސާނީ ވަސީލަތްތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަކީ، ކޮންމެހެން ކުރަން ޖެހޭ ކަމެއް. އެހެން ކަމުން ސްކޫލުތަކުގެ ޓީޗަރުންނާއި ޕްރިންސިޕަލުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްތައް ރާއްޖެއާއި ރާއްޖެއިން ބޭރުގައި އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށް ގެންދޭ " ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުންވެސް ސްކޫލުތަކުގެ ޢުމްރާނީ ވަސީލަތްތައް ތަރައްޤީކޮށް ކިތަންމެ ކުޑަ ރަށެއްގައިވެސް ތަޢުލީމުން މަޙްރޫމް ނުކޮށް ކިޔަވައި ދެވޭނެ ގޮތް ހެދުމަށް މަސައްކަތްތަކެއް ކުރެވިފައިވާކަން ރައީސް ފާހަގަ ކުރެއްވިއެވެ. އަދި ސްކޫލް ތަކުގެ އިންސާނީ ވަސީލަތް ތަރައްޤީ ކުރުމަށް ގިނަ މަސައްކަތްކޮށް މުވައްޒަފުން ހަރުލެއްވުމަށް ކުރެވުނު މަސައްކަތުގެ ނަތީޖާ ދާދި އަވަހަށް ފެނިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ދަރިވަރުންގެ ހިތްތަކުގައި ޤައުމަށް ހެޔޮ ބަދަލުތަކެއް ގެންނަން މިންނަތް މަސައްކަތް ކުރުމަށް މިކުރާ އުއްމީދުގައި ދާދި އަވަހަށް ކުލަ ޖެހޭތަން ފެންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.