ޓޮމް ކްރޫޒްގެ "މިޝަން އިމްޕޮސިބަލް" ސީރީޒްގެ ހަތް ވަނަ ބައި ދެ ބަޔަކަށް ގެނެސްދޭން ނިންމާފައިވާ އިރު، އޭގެ ފުރަތަމަ ބައިގެ ޓްރެއިލާ ދައްކާލައިފި އެވެ.
"މިޝަން އިމްޕޮސިބަލް: ޑެޑް ރެކޮނިން ޕާޓް ވަން" ގެ ނަން ދީފައިވާ ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި އޮތީ ޖުލައި 12 ގަ އެވެ. ކްރޫޒްގެ ވަރުގަދަ ސްޓަންޓްތަކެއް ވެސް ފެންނާނެ ފިލްމުގެ ޓްރެއިލާ އިން ވެސް ނޭވާ ހިފައްޓައިލަން ޖެހޭ ކަހަލަ މަންޒަރުތައް ފެނިގެން ދެ އެވެ.
"މިޝަން އިމްޕޮސިބަލް: ޑެޑް ރެކޮނިން ޕާޓް ވަން" އިން މި ސީރީޒްގެ ފިލްމުތަކުން ކުރިން ވެސް ފެނިފައިވާ ބައެއް ކާސްޓުންނާއި އިތުރު އާ ކާސްޓުންތަކެއް ވެސް ފެނިގެންދާނެ އެވެ. ޖުމްލަ 290 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދާފައިވާ ފިލްމު ޑައިރެކްޓްކުރީ އެންމެ ފަހުން ގެނެސްދިން މި ސީރީޒް ފިލްމު ވެސް ޑައިރެކްޓްކުރި ކްރިސްޓޯފާ މެކްއަރީ އެވެ.
ދެހާސް ނަވާރައިގައި ރިލީޒްކުރި "މިޝަން އިމްޕޮސިބަލް: ފޯލްއައުޓް" އަކީ 178 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދައި، ބޮކްސް އޮފީހުގައި ޖުމްލަ 791.7 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި އެއްޗެކެވެ.
ކްރޫޒްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ޓޮޕް ގަން: މެވެރިކް" އެވެ. އެ ފިލްމަކީ އޭނަގެ ފިލްމީ ކެރިއަރުގައި ފުރަތަމަ ބޮކްސް އޮފީހުގައި ބިލިއަން ޑޮލަރުގެ ހޯދި ފިލްމެކެވެ. ޖުމްލަ 177 މިލިއަން ޑޮލަރުގެ ބަޖެޓުން ހެދި ފިލްމުގެ އާމްދަނީ އަކީ 1.493 ބިލިއަން ޑޮލަރެވެ.
"މިޝަން އިމްޕޮސިބަލް: ޑެޑް ރެކޮނިން ޕާޓް ޓޫ" ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތީ އަންނަ އަހަރުގެ ޖޫން 28 ގަ އެވެ.