Last Updated: June 20, 02:15
Saturday, June 20, 2026
ޚަބަރު

މަވޯޓާ އަށް ނަޝީދު ކުރި ދައުވާ ނަގައިފި

މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) އާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި އަބުރުގެ ދައުވާ އަނބުރާ ގެންދަވައިފި އެވެ.

ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެމްޑީޕީގެ މުޒާހަރާއެއްގެ ތެރެއިން ނަޝީދު 50 މީހަކު މަރަން ރޭވި ކަމަށް ވިދާޅުވެ މަވޯޓާ ކުރެއްވި ޓްވީޓަކާ ގުޅިގެން އަބުރަށް ގެއްލުންވެފައިވާ ކަމަށް ވިދާޅުވެ ބަދަލަށް 10،000،000ރ. ނަގައި ދިނުމަށް ނަޝީދު ސިވިލް ކޯޓަށް ހުށަހެޅުއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.

އެކަމާ ގުޅިގެން މަވޯޓާގެ ފަރާތުން ދިފާއު ވެސް ހުށަހެޅުއްވި އެވެ.

އެ މައްސަލަ އަނބުރާ ގެންދިޔަ އިރު އެކަމާ ގުޅޭ ގޮތުން ކޯޓުން ބުނެފައި ވަނީ ދައުވާ އަނބުރާ ގެންދަވަން ބޭނުންވާ ސަބަބަކީ މި މައްސަލަ މިހާރު ކުރިއަށް ގެންދަން ބޭނުން ނުވުމެވެ. އެހެންވެ ދައުވާ އަނބުރާ ގެންދިއުމާ މެދު، ދައުވާ ލިބޭ ފަރާތު
ގެ އިތުރާޒެއް އޮތްތޯ ބެލުމަށް ގާނޫނުގައި ދޭ 28 ދުވަހުގެ މުއްދަތު ފަހަނަޅައި ދިޔައިރު ވެސް މަވޯޓާގެ އެއްވެސް ހުށަހެޅުމެއް ލިބިފައިނުވާ ކަމަށް ކޯޓްގެ ހުކުމުގައިވެ އެވެ.

އެހެންވެ ކޯޓުން ވަނީ ނަޝީދު ކުރެއްވި ދައުވާ އަނބުރާ ގެންގޮސްވާ ކަމަށާއި މިހާރު ދައުވާގެ ފޯމު ބާތިލްވީ ކަމަށް ނިންމައިފަ އެވެ.