އަޖޭ ދޭވްގަނާ އެކީ ޑައިރެކްޓަރު ރޯހިތު ޝެޓީ ޝޫޓިން ފަށަން ތައްޔާރުވަމުން އަންނަ "ސިންގަމް އެގެއިން" ގެ ހާއްސަ ރޯލަކުން ވިކީ ކޯޝަލް ވެސް ފެންނާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ނަމަވެސް މިކަން އަދި ރަސްމީކޮށް ކަށަވަރެއް ނުވެ އެވެ. އެކަމަކު ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ރޯހިތުގެ ކޮޕް ޔުނިވާސް އަށް ތައާރަފަކުރި ފުރަތަމަ ފިލްމު ކަމަށްވާ "ސިންގަމް" ގެ ތިން ވަނަ ބައިގެ ހާއްސަ ފެނިލުންތަކެއްގައި އެ ޔުނިވާސްގައި ކުރިން ހިއްސާވި އެހެން ތަރިންތަކެއް ވެސް ފެންނާނެ ކަމަށެވެ.
އޭގެ ތެރޭގައި ކޮޕް ޔުނިވާސްގެ އަނެއް ދެ ފިލްމު ކަމަށްވާ "ސިމްބާ" ކުޅުނު ރަންވީރު ސިންގް އާއި "ސޫރިއަވަންޝީ" ކުޅުނު އަކްޝޭ ކުމާރުގެ އިތުރުން "ސިންގަމް ރިޓާންސް" ގެ ބަތަލާގެ ރޯލު ކަރީނާ ކަރީނާ ކަޕޫރް ހިމެނެ އެވެ.
އަޖޭ އާއި ދީޕިކާ ޕަދްކޯން ލީޑް ކުޅޭ "ސިންގަމް އެގެއިން" އިން ވިކީ ފެންނާނެކަމުގެ އަޑުތަކެއް އަރާފައިވާ އިރު، މިކަން ތެދަކަށްވެއްޖެ ނަމަ މި ފިލްމު ވާނީ ބަތަލާ ކެޓްރީނާ ކައިފްގެ ފިރިމީހާ ރޯހިތުގެ ފިލްމެއްގައި މަސައްކަތްކުރާ ފުރަތަމަ ފަހަރަށެވެ. ކެޓްރީނާ ވަނީ "ސޫރިއަވަންޝީ" ގެ ބަތަލާގެ ރޯލު ކުޅެފަ އެވެ.
ބޮލީވުޑްގެ މިހާރު ޑިމާންޑް ބޮޑު ޒުވާން އެކްޓަރުންގެ ތެރޭގައި ހިމެނޭ ވިކީގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހުގެ 2 ގައި ރިލީޒްކުރާ "ޒަރަ ހަޓްކޭ، ޒަރަ ބަޗްކޭ" އެވެ. އަދި މި އަހަރުގެ ފަހުކޮޅު ރިލީޒްކުރަން ހަމަޖެހިފައިވާ "ސޭމް ބަހާދޫރު" އާއި ޝާހްރުކް ޚާންގެ "ދުންކީ" ގެ ރޯލަކުން ވެސް ނެޝަނަލް އެވޯށް ހޯދާފައިވާ 35 އަހަރުގެ އެކްޓަރު ފެންނާނެ އެވެ.
ރޯހިތުގެ ކޮޕް ޔުނިވާސް އަށް ވެބް ސީރީޒެއް ވެސް ގެނެސްދޭން އަންނަނީ ތައްޔާރުވަމުންނެވެ. އެއީ އެމެޒޯން ޕްރައިމް ވީޑިއޯ އިން މި އަހަރުގެ ނޮވެމްބަރުގައި ޕްރީމިއާކުރަން ހަމަޖެހިފައިވާ "އިންޑިއަން ޕޮލިސް ފޯސް" އެވެ. އޭގެ ކާސްޓްގައި ހިމެނެނީ ސިދާތު މަލްއުތުރާ އާއި ޝިލްޕާ ޝެޓީ އާއި ވިވެކް އޮބެރޯއީ އެވެ.