Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް ރިއްފަތަށް ދީފި

އިބްރާހިމް ރިއްފަތު - ފޮޓޯ: އޭޖީ

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް ބަންޑާރަނައިބު އިބްރާހިމް ރިއްފަތަށް އަރުވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވާ ވާހަކަ ދައްކަވަމުން ރިޔާސަތުގައި އިންނެވި ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ބަންޑާރަނައިބުގެ އިތުބާރު ނެތްކަމަށް މައްސަލައެއް މަޖިލީހަށް ހުށަހަޅާފައިވާ ކަމަށެވެ.

ޖުމުލަ 13 މެންބަރުން ސޮއި ކޮށް އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ 11 މޭ ގައެވެ.

މިކަމާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ގަވައިދުގައިވާ ގޮތުގެ މަތިން، އެ މައްސަލައަށް ބަހުސް ކުރަން ފެށުމުގެ ކުރިން ދޭންޖެހޭ 14 ދުވަހުގެ ނޯޓިސް 16 މޭ ގައި ބަންޑާރަނައިބަށް ފޮނުވާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ތާވަލު ކުރެވޭނެ ތާރީހެއް ފަހުން މެންބަރުންނަށް އަރުވާނެ ކަމަށް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި ބުނެފައިވާގޮތުން ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅޭނީ 10 މެންބަރުންގެ ސޮޔާ އެކުގައެވެ.

ބަންޑާރަނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ރާއްޖޭގެ ދެކުނުގެ މަސްކަނޑުން ބައެއް ގެއްލުނު މައްސަލައިގައެވެ.