ޗާގޯސް މައްސަލައިގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީ ހާމަކުރަން ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ.
އެ ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފެވެ. ކުއްލި މައްސަލަ ބަލައިގަންނަން ފެންނަ ކަމަށް 18 މެންބަރުން ވޯޓު ދެއްވިއިރު ކުއްލި މައްސަލަ ބަލައިގަތުމާ ދެކޮޅަށް 33 މެންބަރުން ވޯޓު ދެއްވާފައެވެ.
އާދަމް ޝަރީފްގެ ކުއްލި މައްސަލައިގައި ބުނެފައިވަނީ މޮރިޝަސްއިން އިޓްލޮސްއަށް ހުށަހެޅި މައްސަލައިގައި ރާއްޖެއިން ކުރިން ގެންގުޅުނު ސިޔާސަތާއި ސްޓޭންޑް މިސަރުކާރުން ބަދަލުކޮށްފައިވާކަން އިޓްލޮސްއިން އޭޕްރިލް 28 ގައި ނެރުނު ބަޔާނުން ދޭހަވާ ކަމަށެވެ.
މި މައްސަލައިގައި މިސަރުކާރުން ދިވެހި ރައްޔިތުންގެ މަސްލަހަތުތައް ހިމާޔަތް ކުރުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި އަދި މިކަމާބެހޭގޮތުން އެއްވެސް ކަމެއް ހާމަކުރުމެއް ނެތި، އަދި ރައްޔިތުންގެ މަޖިލީހަށް އެއްވެސް ކަމެއް ހިއްސާކުރުމެއް ނެތި، ސިއްރު ސިޓީއަކުން މޮރިޝަސްއަށް ފޯޅަވަހީގެ ސިޔާދަތީ ބާރު ލިބޭކަމަށް ރައީސް ސޯލިހް އެންގެވުމަކީ އިޔާދަ ނުކުރެވޭފަދަ ބޮޑު ގެއްލުމެއް ރާއްޖެއަށް ލިބުނު ކަމެއް ކަމަށެވެ.
އެހެންކަމނުް ރައީސް ސޯލިހް މޮރިޝަސްއަށް ފޮނުއްވެވި ސިޓީ ރައްޔިތުންނަށް ހާމަކުރުމަށާއި އެ ސިޓީ ފޮނުއްވަށް ޖެހިވަޑައިގެންނެވި ސަބަބުތައް ރައްޔިތުންނަށް ހާމަކުރުމަށް ސަރުކާރަށް ގޮވާލާ ކަމަށް ކުއްލި މައްސަލައިގައި ބުނެފައިވެއެވެ.