މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީން ވަކިވި 12 މެންބަރުން މަޖިލީހުގެ އެމްޑީޕީގެ ދަފްތަރުން ކެނޑޭނީ ޕާޓީން ވަކިވިކަން މަޖިލީހަށް އަމިއްލަފުޅަށް އެންގެވުމުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވާ ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެމްޑީޕީން ވަކިކުރިކަން އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އަންގާފައިވާ ކަމަށެވެ.
މީގެއިތުރުން އެމްޑީޕީގެ 12 މެންބަރުން އެ ޕާޓީން އިސްތިއުފާ ދީފައިވާއިރު، އެކަމާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ އެ މެންބަރުން ޕާޓީން ވަކިވެފައިވާކަން އިލެކްޝަންސް ކޮމިޝަނުން މަޖިލީހަށް އަންގާފައިވާކަމަށެވެ. އެހެންނަމަވެސް މަޖިލީހުގެ ގަވައިދު ބުނާގޮތުން އެ 12 މެންބަރުން އެމްޑީޕީގެ ދަފްތަރުން ވަކިކުރެވޭނީ އެ ބޭފުޅުން އަމިއްލައަށް މަޖިލީހަށް ލިޔުއްވުމުން ކަމަށް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި ބުނެފައިވަނީ، މެންބަރަކު އެ މެންބަރަކު ނިސްބަތްވާ ޕާޓީން ވަކިވާން ބޭނުންވެއްޖެ ހިނދެއްގައި، އެ ޕާޓީއަށާއި އިލެކްޝަންސް ކޮމިޝަނަށް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އެކަން އެ މެންބަރަކު އަންގަންވާނެ ކަމަށެވެ.
އެމްޑީޕީން ވަކިވެފައިވަނީ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)، މެންބަރު މުހައްމަދު ރަޝީދު (ބޯދިގު)، މެންބަރު އަހްމަދު ޒާހިރު (ގައްދޫ)، މެންބަރު މުހައްމަދު ވަހީދު (ވައްޑޭ)، މެންބަރު ހަސަން ލަތީފް، މެންބަރު އީވާ އަބްދުﷲ، މެންބަރު އިލްޔާސް ލަބީބް، މެންބަރު އިމްތިޔާޒް ފަހުމީ، މެންބަރު ޔާސިރު އަބްދުއްލަތީފް، މެންބަރު ހަސަން އަފީފް، މެންބަރު ހުސެއިން ފިރުޝާން އަދި މެންބަރު ހަސަން ޝިޔާންއެވެ.
މި މެންބަރުން އެމްޑީޕީން ވަކިވެ އަންނަނީ އެހެން ސިޔާސީ ޕާޓީއެއް ހެދުމުގެ މަސައްކަތް ކުރަމުންނެވެ.