ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނަން އިއްވީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދާ ހިލާފަށްކަމަށް އައްޑޫމީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ހޫނުވެ 3 މެންބަރެއްގެ ނަން ވަނީ އިއްވާފައެވެ. އޭގެތެރޭގައި ހިމެނެނީ މެންބަރު ރޮޒައިނާ، މެންބަރު އަބްދުﷲ ޖާބިރު އަދި މެންބަރު އަބްދުލްމުގުނީއެވެ.
ނަން އިއްވި މައްސަލައިގައި ކުރެއްވި ޓްވީޓެއްގައި ރޮޒައިނާ ވިދާޅުވީ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ނަން އިއްވީ މަޖިލީހުގެ ގަވައިދާ ހިލާފަށް ކަމަށެވެ.
"ގަވައިދާ ހިލާފު އަމުރަކަށް އަޅުގަނޑު ކިޔަމަންވާކަށް ނުޖެހޭ." ރޮޒައިނާ ވިދާޅުވިއެވެ.
ރޮޒައިނާ ވިދާޅުވީ މަޖިލީހުގެ ގަވައިދާ ހިލާފަށް ކުރާ އަމުރުތަކަށް މަޖިލީހުގެ މުވައްޒަފުންވެސް ކިޔަމަންވާން ނުޖެހޭ ކަމަށެވެ. އަދި ނަން އިއްވަން އޮންނަ އުސޫލާ އެއްގޮތަށް ނަން އިއްވިނަމަ މަޖިލީހުގެ ތަޅުމުން ނުކުތީސް ކަމަށްވެސް ވިދާޅުވިއެވެ.
ނަން އިއްވުމުންވެސް ރޮޒައިނާ މަޖިލީހުގެ ތަޅުމުން ނުނިކުތުމުން މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންގޮސްފައިވަނީ ރޮޒައިނާ މަޖިލީހުގެ ތަޅުމުގައި ނެތްކަމަށް ބަލައިގެންނެވެ.