ބޮލީވުޑްގެ ޒުވާން ދެ ތަރިން ކަމަށްވާ ކާތިކް އާރިއަނާއި ކިއާރާ އަދުވާނީ އެކީގައި ކުޅުނު ދެވަނަ ފިލްމު "ސަތިއަޕްރޭމް ކީ ކާތާ" ޓީޒާ މިއަދު ދައްކާލައި، ފިލްމު ރިލީޒްކުރާ ތާރީހު ވެސް އިއުލާންކޮށްފި އެވެ.
ކާމިޔާބު އެތައް ފިލްމެއް ގެނެސްދީފައިވާ ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކޮށް، ނެޝަނަލް އެވޯޑް ހޯދާފައިވާ ޑައިރެކްޓަރު ސަމީރު ވިދުވަންސް ޑައިރެކްޓްކުރި މި މިއުޒިކަލް ރޮމޭންސް ފިލްމު ރިލީޒްކުރަން ނިންމާފައީ އަންނަ މަހުގެ 29 ގަ އެވެ.
ކާތިކާއި ކިއާރާ އެކީގައި ކުޅުނު ފުރަތަމަ ފިލްމަކީ މިދިޔަ އަހަރުގެ އެންމެ ކާމިޔާބު ހިންދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ހޮރޯ-ކޮމެޑީ "ބޫލް ބުލައްޔާ 2" އެވެ. އެ ފިލްމުން އެ ދެ ތަރިންގެ ޖޯޑު ބެލުންތެރިންނަށް ވަރަށް ކަމުގޮސްފައިވެ އެވެ.
"ސަތިއަޕްރޭމް ކީ ކާތާ" އަކީ އެކްޓަރު ސިދާތު މަލްއުތުރާއާ މި އަހަރުގެ ފެބްރުއަރީގައި ކައިވެނިކުރި ފަހުން ބެލުންތެރިންނާ ހަމައަށް އަންނަ ކިއާރާގެ ފުރަތަމަ ފިލްމެވެ.
ކާތިކްގެ އެންމެ ފަހުގެ ފިލްމަކީ ފެބްރުއަރީގައި ރިލީޒްކުރި "ޝެހެޒާދާ" އެވެ.