ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މި މައްސަލައިގައި ސިޔާސީ ޕާޓީތަކުން ގުޅިގެން މަސައްކަތް ކުރަމުން އަންނައިރު، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވީ އިތުބާރު ނެތްކަމުގެ މައްސަލައިގައި 13 މެންބަރުން ސޮއި ކުރައްވާފައިވާ ކަމަށެވެ.
މިމައްސަލަ ހުށަހަޅުއްވާ ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގެ ދެކުނުގެ މަސްކަނޑުން ބައެއް ގެއްލުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ބަންޑާރަނައިބު އިބްރާހިމް ރިއްފަތު އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގައުމަށް ވަރަށް ބޮޑަށް ހިޔާނާތްތެރިވެފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރަންވީ ވަގުތުގައި އެކަން އެ ބޭފުޅުން ކުރައްވާފައި ނުވާކަމަށެވެ.
އާދަމް ޝަރީފް ވިދާޅުވީ މަސްކަނޑުން ބައެއް ގެއްލުމަށް މެދުވެރިވި އެންމެ ބޮޑު އެކައްޗަކީ ރައީސް ސޯލިހް މޮރިޝަސްއަށް ފޮނުވި ސިޓީކަމަށް ދެކޭކަމަށެވެ. އެހެންކަމުން މި ހައްސާސް މައްސަލައިގައި އެ ސިޓީ ހާމަވާންޖެހޭކަމަށް ވިދާޅުވިއެވެ.
ރާއްޖޭގެ ދެކުނުގެ މަސްކަނޑުން ބައެއް ގެއްލުނު މައްސަލައިގައި މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާއިރު ބަންޑާރަނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ. އަދި އެ މައްސަލައިގައި ބަންޑާރަނައިބަށް ދޭންޖެހޭ 14 ދުވަހުގެ ނޯޓިސްވެސް ވަނީ ދީފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި ބުނެފައިވާގޮތުން ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅޭނީ 10 މެންބަރުންގެ ސޮޔާ އެކުގައެވެ.