އެކި ކަންކަމާ ހިޔާލުތަފާތުވި ނަމަވެސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ނިންމަންޖެހޭކަމަށް، ކަނޑުގެ މައްސަލައިގައި އެކުގައި މަސައްކަތްކުރާ ފަރާތްތަކުން އެއްބަސްވާކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ދެކުނުގެ މަސްކަނޑުން ބައެއް ގެއްލުނު މައްސަލައިގައި މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިކަން ހާމަކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިއަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އާދަމް ޝަރީފް ވިދާޅުވީ މިހާރު ސިޔާސީ ޕާޓީތައް އެކުވެ މަސައްކަތްކުރަނީ ކަނޑުންބައެއް ގެއްލުނު މައްސަލައިގައި ކަމަށް ވީނަމަވެސް މިމަސައްކަތުގައި ތަފާތު ވިސްނުމުގެ ބޭފުޅުން ބައިވެރިވަމުން އަންނަކަމަށެވެ.
އެހެންކަމުން ބައެއް މައްސަލަތަކުގައި ހިޔާލުތަފާތުވުންތައް ހުރުމަކީ އެކަށީގެންވާ ކަމެއްކަމަށް ވިދާޅުވިއެވެ.
"އެހެންނަމަވެސް އެއްބަސްވާ އެއްކަމެއް އެބައޮތް ހަމަޔަގީނުންވެސް. މިބައިވެރިވާ ހުރިހާ ބޭފުޅުން އެއްބަސްވާކަމެއް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ނިންމަންޖެހޭކަން. އެހެންމަ އެއީ އެއްބަސްވާ އެއްކަމެއް ވަރަށް ސާފުކޮށް." ޝަރީފް ވިދާޅުވިއެވެ.
މީގެއިތުރުން އިތުބާރު ނެތްކަމުގެ މައްސަލަތައް ކާމިޔާބުވާނެތޯ ސުވާލު ކުރުމުން އާދަމް ޝަރީފް ވިދާޅުވީ، ރައްޔިތުންގެ ކުރިމަތީގައި އެބޭފުޅުން ޖަވާބުދާރީ ކުރުވުމަށް ކުރަންޖެހޭ މަސައްކަތް ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ. މަޖިލީހުގެ ވޯޓުން ތަފާތު ނަތީޖާއެއް ނިކުތުމަކީ މިވަގުތު މުހިންމު ކަމެއް ނޫން ކަމަށާއި، މިއުޅެނީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އަދި ބޭނުންވާ މަގުސަދު ހާސިލު ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.
ރާއްޖޭގެ ދެކުނުގެ މަސްކަނޑުން ބައެއް ގެއްލުނު މައްސަލައިގައި މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާއިރު ބަންޑާރަނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ. އަދި އެ މައްސަލައިގައި ބަންޑާރަނައިބަށް ދޭންޖެހޭ 14 ދުވަހުގެ ނޯޓިސްވެސް ވަނީ ދީފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި ބުނެފައިވާގޮތުން ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅޭނީ 10 މެންބަރުންގެ ސޮޔާ އެކުގައެވެ.