ފ. އަތޮޅު ފިިލިތެޔޮ ކައިރިން، ކަނޑު ފައްތާފައި ހުރި މަސްތުވާތަކެތި ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ތަކެތި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހޯދައިފިއެވެ.
މިއަދު ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މިތަކެތި ހޯދީ، ފ. ފިލިތެޔޮ ކައިރީ މަސްތުވާތަކެތި ކަނޑުފައްތާފައި ހުރި ކަމަށް މައުލޫމާތު ލިބިގެން ކަމަށް ފުލުހުން މައުލޫމާތުދެއެވެ. މިއާއެކު އެ ސަރަހައްދު ބެލި ބެލުމުން ކަނޑުފައްތާފައި ހުރި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ގިނަ އަދަދެއްގެ ތަކެތި ފުލުހުން ވަނީ ހޯދާފައެވެ. މި ތަކެތި މިހާރު ނަގައި ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.
މިތަކެތި ފެނިފައިވާކަން އިއުލާންކޮށްފައިވާއިރު މިއީ ކިހާ ބަރުދަނެއްގެ ކޮން ބާވަތެއްގެ މަސްތުވާތަކެތި ކަމަށް އަދި މިހާތަނަށް ފުލުހުން ހާމައެއް ނުކުރެއެވެ. އަދި މިމައްސަލާގައި ޝައްކު ކުރެވޭ އެއްވެސް ފަރާތެއް މިހާތަނަށް ފުލުހުން ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަން ވެސް ފުލުހުން ހާމަކޮށްފައި ނުވެއެވެ.
ފުލުހުން ވަނީ މިމައްސަލަ މިހާރު ތަހުޤީޤު ކުރަމުންދާ ކަން ހާމަކޮށްފައެވެ.