ބަތަލާ ޝްރަދާ ކަޕޫރާ އެކީ މަސައްކަތް ކުރުމަށް ފަހު، އޭނަގެ ބައްޕަ އަދި މަޝްހޫރު އެކްޓަރު ޝަކްތީ ކަޕޫރާ އެކީ ވެސް ރަންބީރް ކަޕޫރް މަސައްކަތްކޮށްފި އެވެ.
މި ދެ މީހުން އެކީގައި ފެންނާނެ ފިލްމަކީ މި އަހަރުގެ އޮގަސްޓަށް ތާވަލުކޮށްފައި އޮތް ޑާކް ތުރިލާ "އެނިމަލް" އެވެ. ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ އޭގައި ޝަކްތީ ފެންނާނީ ވަރަށް ވަރުގަދަ ގޭންގްސްޓާރެއްގެ ރޯލުން ކަމަށާއި އޭނަ ފިލްމަށް ޝޫޓް ވެސްކޮށް މިހާރު ނިންމާފައިވާ ކަމަށެވެ.
ޝަކްތީއާ އެކީ މަސައްކަތް ކުރަން ރަންބީރަށް ފުރުސަތު ލިބުނު އިރު، އޭނަގެ ބައްޕަ ކުރީގެ އެކްޓަރު ރިޝީ ކަޕޫރްގެ ވަރަށް ގިނަ ފިލްމުތަކެއްގައި ޝަކްތީ މަސައްކަތްކޮށްފައިވެ އެވެ. މިހާތަނަށް 600 އަށް ވުރެ ގިނަ ފިލްމުގައި މަސައްކަތްކޮށްފައިވާ 70 އަހަރުގެ އެކްޓަރަކީ ނެގަޓިލް ރޯލުތަކާއި ކޮމެޑީ ރޯލުތަކުން ވެސް ބެކުންތެރިންގެ ލޯބި ހޯދާފައިވާ ތަރިއެކެވެ.
ޝަކްތީ ފަހަކަށް އައިސް ފިލްމުތަކުން ފެންނަލެއް ވަރަށް މަދެވެ.
އޭނަގެ ދަރިފުޅު ޝްރަދާއާ އެކީ ރަންބީރް ކުޅުނު ފުރަތަމަ ފިލްމަކީ މިދިޔަ މާޗްގައި ރިލީޒްކުރި ރޮމޭންޓިކް ކޮމެޑީ "ތޫ ޖޫޓީ، މޭ މައްކާރް" އެވެ. މި ފިލްމުން ދެ ތަރިންގެ ކެމިސްޓްރީ ވެސް ގިނަ ބަޔަކަށް ކަމުދިޔަ އިރު، އެ ފިލްމަކީ މި އަހަރުގެ މިހާތަނަށް ރިލީޒްކުރި ހިންދީ ފިލްމުތަކުގެ ތެރެއިން ދެވަނަ އަށް އެންމެ ކާމިޔާބު ފިލްމެވެ.
ރަންބީރް މީގެ ކުރިން ފެނިފައި ނެތް ފަދަ އަނިޔާވެރިކަން ރޯލަކުން ފެންނާނެ "އެނިމަލް" އަކީ 2019 ގެ "ކަބީރް ސިންގް" ގެނެސްދިން ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާގެ ފިލްމެކެވެ. މީގެ ކާސްޓްގައި ރަޝްމިކާ މަންދަނާ، އަނިލް ކަޕޫރް، ޓްރިޕްތީ ދިމްރީ އަދި ބޮބީ ޑިއޯލް ހިމެނެ އެވެ.