ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައިގެން އުފައްދަން ނިންމާފައިވާ "ފިކުރެއްގެ ދިރުން" ވާނީ ރާއްޖޭގެ ވަރަށް ބޮޑު ސިޔާސީ ޕާޓީއަކަށް ކަމަށް އެކަމުގައި އުޅުއްވާ ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ވިދާޅުވެއްޖެ އެވެ.
އޭނަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ބޭފުޅުން އުފައްދަވަން މަސައްކަތްކުރައްވާ ޕާޓީ އަކީ ޕީޕީއެމް ފިޔަވައި ދެން އެންމެ ބޮޑު ޕާޓީ އަށް ވާނެ ކަމަށެވެ. ޕީޕީއެމަކީ ރާއްޖޭގައި ދެވަނަ އަށް އެންމެ ބޮޑު ޕާޓީ އެވެ. އަދި އެންމެ ބޮޑު ޕާޓީ އަކީ ޝިޔާން ކުރިން ނިސްބަތްވި އެމްޑީޕީ އެވެ.
"އަޅުގަނޑުމެންގެ އަންދާޒާ އަކީ ޕީޕީއެމް ނަގާފައި ދެން މި ރާއްޖޭގައި އޮންނަ އެންމެ ބޮޑު ސިޔާސީ ޕާޓީ އަކީ އަޅުގަނޑުމެން އަލަށް އުފައްދަން މި ތައްޔާރުވާ ސިޔާސީ ޕާޓީ،" އޭނަ ވިދާޅުވި އެވެ.
Alhuganduge andaazaa aky PPM nagaafa Dhen mi Raajjeyga onnaane Enme bodu siyaasee party aky Alhugandumen alah ufahdhan mi thahyaaruvaa siyaasee party , alhugandumen dhaanee KKBK MDP ga thibi saafu memberun and party dhookoh Alhugandumen mi hadhaa party ah gulhey kan kashavaru IA
— Hassan Shiyan (@HassanShiyaan) May 18, 2023
އޭނަ ވިދާޅުވީ ގޮތުގައި "ފިކުރެއްގެ ދިރުން" ކުރިއަށް ދާނީ އެމްޑީޕީގެ ކުރިއަށް ކުރިއަށް ބާރަށް ކުރިއަށްގައި ތިބި ސާފު މެމްބަރުންނާ އެކީގައިކަން ވެސް ކަށަވަރު ކަމަށެވެ.
"އެ ބޭފުޅުން [އެމްޑީޕީ] ދޫކޮށް އަޅުގަނޑުމެން މި ހަދާ ޕާޓީއާ ގުޅޭނެކަން ކަށަވަރު." ޝިޔާން ވިދާޅުވި އެވެ.
"ފިކުރެއްގެ ދިރުން" ސިޔާސީ ޕާޓީއަކަށް ހަދަން ނިންމިކަން އިއުލާންކުރީ ބުދަ ދުވަހު އެވެ. އެއީ މި އަހަރުގެ ޖެނުއަރީގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ދެކޮޅަށް ނަޝީދު ވާދަކުރެއްވި އިރު ކެމްޕޭނަށް ބޭނުންކުރެއްވި ސްލޯގަން އެވެ.
ނަމަވެސް ރިޔާސީ ޕްރައިމަރިން ބޮޑުތަނުން ބަލިވެވަޑައިގަތުމުން ނަޝީދު ވަނީ "ފިކުރެއްގެ ދިރުން" ވަކި ފެކްޝަނެއްގެ ގޮތުގައި ހިންގަން ފައްޓަވައި ގިނަ މެމްބަރުންތަކެއް ލައްވައި އެއަށް ސޮއި ވެސް ކުރުވައިފަ އެވެ. ނަޝީދު މިފަދަ މަސައްކަތެއް ފެއްޓެވި އިރު، އެ މަނިކުފާނަކީ އަދިވެސް އެމްޑީޕީގެ މެމްބަރެކެވެ. އެ ޕާޓީގެ ރައީސެވެ.