އިގުތިސާދީ ބޭނުންތަކަށް ބިޑަކާ ނުލައި ފަޅުރަށްރަށް ކުއްޔަށް ދޫކުރެވޭ ގޮތަށް ގަވާއިދެއް އެކުލަވާލައި އަމަލުކުރަން ފަށައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީން މިދިޔަ ބުދަ ދުވަހު ގެޒެޓުކުރި "އިގުތިސާދީ ބޭނުންތަކަށް ތަރައްގީކުރުމަށް ފަޅުރަށްރަށް ކުއްޔަށް ދިނުމާ ބެހޭ ގަވާއިދު" ގައި ބުނެފައިވާ ގޮތުން، ވަކި ދާއިރާތަކެއްގައި ހިމެނޭ ފަޅުރަށްރަށް ނޫން އެހެން ފަޅުރަށްރަށް އިގުތިސާދީ ބޭނުންތަކަށް ތަރައްގީކުރަން ކުއްޔަށް ދޫކުރެވިދާނެ އެވެ.
އެގޮތުން ދޫނުކުރެވޭނެ ފަޅުރަށްރަށަކީ ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން ކުއްޔަށް ދޫކުރާ ފަޅުރަށްރަށާއި ހަމައެކަނި މަސްވެރިކަމާއި ދަނޑުވެރިކަމުގެ އިގްތިސާދީ ބޭނުމަށް ކުއްޔަށް ދޫކުރާ ފަޅުރަށްރަށުގެ އިތުރުން ފަޅުރަށްރަށާ ބެހޭ ގާނޫނުގެ ދަށުން ވަރުވާއަށް ލިޔެދޭ ފަޅުރަށްރަށެވެ.
އާ ގަވާއިދުގެ ދަށުން ފަޅުރަށެއްގައި އިގުތިސާދީ އެއްވެސް މަސައްކަތެއް ހިންގަން އެ ރަށަކީ އިންޑަސްޓްރިއަލް ރަށެއްގެ ގޮތުގައި ތަރައްގީކުރާ ރަށެއްގެ ގޮތުގައި ކަނޑައަޅާނީ، އިކޮނޮމިކް ކައުންސިލުން ނިންމާ ގޮތެއްގެ މަތިން ރަައީސެވެ. އަދި އެ ގޮތަށް ފަޅުރަށެއްގެ ގޮތުގައި ކަނޑައަޅާ ރަށަކީ ރަށު ނުވަތަ ސިޓީ ކައުންސިލެއްގެ އިހުތިސާސްގައި ހިމެނޭ ފަޅުރަށެއް ނަމަ، އިހުތިސާސުން އެ ފަޅުރަށެއް އުނިކުރުމަށް ފަހު، ގަވާއިދުގެ ދަށުން އެކުލަވާލާ އިންޑަސްޓްރިއަލް ރަށްރަށުގެ ދަފްތަރުގައި ހިމަނަން ޖެހޭނެ އެވެ.
ގަވައިދުގައިވާ ގޮތުން އިގުތިސާދީ ބޭނުންތަކަށް ތަރައްގީކުރަން ކަނޑައަޅާ ފަޅުރަށްރަށް ކުއްޔަށް ދެވޭނީ ދެ ގޮތަކަށެވެ. އެއް ގޮތަކީ
ބީލަމުގެ އުސޫލުން އާންމުކޮށް އިއުލާންކޮށްގެން، އެކަށީގެންވާ އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތަކަށް ދިނުމެވެ. އަނެއް ގޮތަކީ ބިޑުކުރުމަކާ ނުލައި ސަރުކާރަށް ޕްރޮޕޯސަލް ހުށަހެޅުމުގެ އުސޫލު)ގެ ދަށުން، ރަށުގައި ކުރަން ބޭނުންވާ ކަމަކާ ބެހޭ ތަފްސީލު ޕްރޮޕޯސަލް ހުށަހެޅުމުން އެ ޕޮލިސީގެ ދަށުން ހުއްދަދެވޭ ރަށްރަށެވެ. އަދި އެފަދަ ހުށަހެޅުމެއް ހުށަހެޅި ފަރާތަކަށް
ދައުވަތަކާ ނުލައި ހުށަހަޅާ ޕްރޮޕޯސަލްތަކަށް ފަޅުރަށްރަށް ކުއްޔަށް ދޫކުރަން ހުއްދަދޭނީ ދޭ އިރު، އެކުއިޒިޝަން ފީގެ ގޮތުގައި އަގެއް އިކޮނޮމިކް މިނިސްޓްރީ އަށް ދެއްކުމަށް ޝަރުތުކުރުމުގެ އިހުތިޔާރު އޮންނަ ކަމަށް ވެސް ގަވާއިދުގައިވެ އެވެ.
އެކުއިޒިޝަން ފީގެ އަދަދު ކަނޑައަޅާނީ އެ ރަށެއްގައި ކުރަން ހުށަހަޅާ މަސައްކަތްތަކާއި ސިނާއަތުގެ ޒާތަށާއި އިންވެސްޓްމަންޓުގެ އަދަދަށް ރިއާޔަތްކުރުމަށް ފަހު، އިކޮނޮމިކް ކައުންސިލުންނެވެ. އެގޮތުން އާ ގަވާއިދުގެ ދަށުން ކުއްޔަށް ދޫކުރާ ރަށްރަށުގެ ކުލި ކަނޑައަޅާނީ އިކޮނޮމިކް މިނިސްޓްރީން ކަނޑަޅާ އިރު، އަދަދު، އަކަފޫޓަކަށް އަހަރަކަށް 10 ލާރިއަށް ވުރެ ދަށްވެގެން ނުވާނެ އެވެ.
މީގެ އިތުރުން ފަޅުރަށް ކުއްޔަށް ނަގާ ފަރާތާއި މިނިސްޓްރީއާ ދެމެދު އެއްބަސްވުމެއްގައި ސޮއި ވެސް ކުރަން ޖެހޭނެ އެވެ. އެ އެއްބަސްވުމުގައި ކުއްޔަށް ދޭ މުއްދަތާއި ކުލީގެ އަދަދާއި ކުލި ދައްކާނެ ގޮތާއި ރަށުގައި ކުރާ މަސައްކަތާ ބެހޭ މައުލޫމާތު އަދި އެއްބަސްވުމާ ހިލާފުވެއްޖެ ނަމަ އަމަލުކުރާނެ ގޮތާއި އެއްބަސްވުން ބާތިލުކުރެވޭނެ އެވެ. އަދި ފަޅުރަށްރަށް ކުއްޔަށް ދޭނީ 21 އަހަރުގެ މުއްދަތަކަށް؛ ކަނޑައަޅާފައިވާ އުސޫލުގެ ދަށުން އެ މުއްދަތު އިތުރުކުރަން އެދުމުން، ގިނަވެގެން ޖުމްލަ 50 އަހަރަށް ވުރެ އިތުރުނުވާ ގޮތަށް މިނިސްޓްރީއަށް އެ މުއްދަތު އިތުރުކޮށްދެވޭ ގޮތަށެވެ.
މުއްދަތު އިތުރުކޮށްދެވޭނީ ރަށުގައި ކުރާ މަސައްކަތްތަކަށް ކުރާ އިންވެސްޓްމަންޓުގެ މަދުވެގެން 75 ޕަސެންޓް ފައިސާ އިންވެސްޓްކޮށް، މަސައްކަތް ޝެޑިއުލްއާ އެއްގޮތަށް ކުރިއަށްގެން ގޮސް، މަސައްކަތުގެ މަދުވެގެން 75 ޕަަސެންޓް ފުރިހަމަކޮށްފައިވާ ނަމަ އެވެ. އަދި މުއްދަތު އިތުރުކުރަން 5،000ރ.ގެ ފީއެއް ދައްކަން ޖެހޭނެ އެވެ.
ގަވާއިދާ ހިލާފުވެއްޖެ ނަމަ އެކަމެއްގެ ކުޑަބޮޑުމިނަށް ބަލައި، މިލިއައަކަށް ވުރެ ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ވެސް ކުރެވޭނެ އެވެ.