Last Updated: July 26, 06:31
Sunday, July 26, 2026
މުނިފޫހިފިލުވުން

"ނީނާ" ދެން މާ ލަހެއް ނުވާނެ

ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ގެ ދެވަނަ ފީޗާ ފިލްމު "ނީނާ" ވަރަށް އަވަހަށް ބެލުންތެރިންނަށް ގެނެސްދޭން ނިންމައިފި އެވެ.

ދެހާސް ނަވާރައިގެ މަގުބޫލު ސައިކޮލޮޖިކަލް ތުރިލާ "ބަވަތި" އިން ބެލުންތެރިންގެ ސަމާލުކަން ހޯދި ޑައިރެކްޓަރު ބުނީ އޭނަ 2020 ގެ ކުރީކޮޅު ޝޫޓިން ނިންމާފައި އޮތް ކްރައިމް ތުރިލާ "ނީނާ" ރިލީޒްކުރާ ތާރީހު ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށެވެ. ފިލްމު ގެނެސްދިނުން ލަސްވީ ކޮވިޑާ ގުޅިގެން ދިމާވި ކަންކަމާ ހެދި އެވެ.

"ނީނާ" ދެން މާ ލަސްތަކެއް ނުވެ ބެލުންތެރިންނަށް ގެނެސްދޭން ތައްޔާރުވަމުން އަންނާތީ ފިލްމާ ގުޅުން ވަރަށް ގިނަ މަސައްކަތްތަކެއް މި ފިލްމު އުފެއްދި އައި ފިލްމްސް އިން މިހާރު އަންނަނީ ކުރަމުންނެވެ.

ލ. އަތޮޅުގައި ވަރަށް ބޮޑު ބައި ޝޫޓްކުރި "ނީނާ" އަކީ "ބަވަތި" ގެ ވެސް ބަތަލާ ނުޒުހަތު ޝުއައިބް (ނުޒޫ) ޓައިޓްލް ރޯލު ކުޅެފައިވާ އެއްޗެކެވެ. މީގެ ކާސްޓުންގެ ތެރޭގައި ޝަރަފު އަބްދުﷲ، މަރިޔަމް ޝަކީލާ، ހަމްދޫން ފާރޫގް، ޖުމައްޔިލް ނިމާލު (ޖުމަލް) ގެ އިތުރުން 1980 ގެ ތެރޭގައި ފިލްމީ ދާއިރާ އިން ވިދައިލި ބަތަލާ، މަރަދޫ މަރިޔަމް ރަޝީދާ ހިމެނެ އެވެ.

"ނީނާ" ބެލުންތެރިންނަށް ގެނެސްދޭން އިއްލެ ތައްޔާރުވަމުން އަންނަ އިރު، އޭނަ މިހާރު އަންނަނީ "ފްރީ ޑެލިވަރީ" ކިޔާ ފިލްމެއް ވެސް ހަދަމުންނެވެ.

މި އަހަރު ދިވެހި ތިން ފިލްމެއް އޮލިމްޕަސް ސިނަމާގައި ރިލީޒްކޮށްފައިވެ އެވެ. އެއީ މި މަހުގެ 3 އިން ފެށިގެން ދައްކަމުން އަންނަ އަލީ ސީޒަންގެ "ލޯބިވެވިއްޖެ" އާއި މިދިޔަ މަހުގެ 25 ގައި ޕްރީމިއާކުރި ވިޝާލް ޒަކީގެ "ވަނާޖުބޭސާ" ގެ އިތުރުން ފެބްރުއަރީ 6 ގައި ގެނެސްދިން ޑާކް ރެއިން އެންޓަޓައިންމަންޓްގެ "ބީވީމާ" އެވެ.