ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ފުޅާ ކުރުމަށް ވޯލްޑް ބޭންކުން 52.8 މިލިއަން ޑޮލަރުގެ އެހީއެއް ދޭން ނިންމައިފިއެވެ.
ވޯލްޑް ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވަނީ ރާއްޖެއަށް ގްރާންޓް ގެ ގޮތުގައި 26.4 މިލިއަން ޑޮލަރު އަދި ކްރެޑިޓްގެ ގޮތުގައި 26.4 މިލިއަން ޑޮލަރު ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި އެހީގެ ދަށުން ސީދާ 52.8 މިލިއަން ޑޮލަރު ރާއްޖެއަށް ލިބޭއިރު، މިއީ ރާއްޖޭގެ މަސްކަނޑުތައް ބެލެހެއްޓުމަށާއި ދެމެހެއްޓެނިވި މަސްވެރިކަމަށް މަގުފަހި ކުރުމަށް ދޭ އެހީއެކެވެ.
މީގެ ސަބަބުން ރާއްޖޭގައި ކުރަމުން އަންނަ ދެމެހެއްޓެނިވި މަސްވެރިކަން ކުރިއަށް ގެންދިއުމަށް ސަރަހައްދީ ޤައުމުތަކާއި ގުޅިގެން މަސައްކަތް ކުރުމަށް ފުރުސަތު ހުޅުވޭނެއެވެ. އަދި މަސްވެރިކަމުގެ ސިނާޢަތުގެ ފަންނީ ޤާބިލީއްޔަތުކަން އިތުރުކުރުމަށާއި، މަސްވެރިކަމުގެ ވިޔަފާރި ރާއްޖޭގައި ކުރިއަރުން އެހީ ވެދޭނެއެވެ.
މިއެހީއާއި ގުޅޭ ގޮތުން ވޯލްޑް ބޭންކުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރ ފާރިސް އެޗް. ހަދާދް ޒެރްވޮސް ވިދާޅުވީ، މި ސަރަހައްދުގެ ދެމެހެއްޓެނިވި މަސްވެރިކަމުގައި ރާއްޖޭގެ ރަނގަޅު ރެކޯޑެއް އޮތް ކަމަށެވެ. އަދި އެން އާލާ ކުރުން ފަދަ ކަންކަމަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ރޯލު އިތުރުކޮށް، މި ސިނާޢަތުގައި އަމިއްލަ ވިޔަފާރިތަކަށް ހުރި ގޮންޖެހުންތަކަށް މިއެހީގެ ތެރެއިން ހައްލެއް ހޯދުމަށް މަސައްކަތް ކުރެވޭނެ ކަމަށެވެ.
ރާއްޖެއަށްދޭ 52.8 މިލިއަން ޑޮލަރަކީ، ހުޅަނގު ދެކުނު އިންޑިއާ ކަނޑުގެ މަސްވެރިކަން ތަރައްޤީއަށްދޭ އެހީގެ ބައެކެވެ. މި އެހީ ޕެކޭޖުގެ ބާކީ، 12 މިލިއަން ޑޮލަރު ދޭނީ ސަރަހައްދުގެ ޤައުމުތަކުގެ ޖަމީއްޔާއަށާއި ސަރަހައްދުގެ ކުދި ޖަޒީރާ ޤައުމުތަކަށެވެ. ރާއްޖެއާއި އެކު 11 ގަމެއް އިންޑިއާ ކަނޑުގެ ހުޅަނގު ދެކުނު ސަރަހައްދު ހިއްސާ ކުރެއެވެ.