Last Updated: July 26, 06:31
Sunday, July 26, 2026
މުނިފޫހިފިލުވުން

އައިޝްވާރިއާގެ މި ހެދުން ވީ ބޮޑު ޖޯކަކަށް

ފްރާންސްގައި މިހާރު ކުރިއަށްދާ މި އަހަރުގެ ކާންސް ފިލްމު ފެސްޓިވަލްގައި އިންޑިއާގެ މަޝްހޫރު ބަތަލާ އައިޝްވާރިއާ ރާއީގެ ފުރަތަމަ ފެނިލުން އިއްޔެ ދައްކައިލި އިރު، އޭނަ ލައިގެން ހުރި ހެދުމަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެ އެވެ.

މިއާ އެކީ ޓްވިޓާގައި އެ ހެދުމާ ބެހޭ ގޮތުން އެކި ކަހަލަ ޝުއޫރުތައް ފާޅުކުރަމުން އަންނަ އިރު، ހެދުމަށް ޖޯކް ޖަހައް މީމްތައް ވެސް އަންނަނީ ދައުރުކުރަމުންނެވެ.

ވަރަށް ނިވާކަން ބޮޑުކޮށް ކަޅާއި ރިހި ކުލައިގެ މެޓީރިއަލުން ފަރުމާކޮށްފައިވާ ހެދުމުގައި އައިޝްވާރިއާ ފެނުނީ ފޮރުވިފައިން އިން ކަހަލަ ގޮތަކަށެވެ. އަދި އެ ހެދުމުގެ އަޅައިގަންނަ ކަހަލަ އެއްވެސް ގޮތެއް ނެތް ކަމަށާއި އެ ފެނުނީ ބަލާލަން ވެސް ވަރަށް ހުތުރުކޮށް ކަމަށް ގިނަ ބަޔަކު ބުނެފައިވެ އެވެ،

އައިޝްވާރިއާ އަކީ އިންޑިއާގެ ތަރިންތަކުގައި ކާންސްގެ އެންމެ އާންމު މޫނެވެ. އޭނަ މި ފެސްޓިވަލްގައި ބައިވެރިވާތާ މިހާރު ވިއްސަކަށް އަހަރު ވަނީ އެވެ.

ފާއިތުވި ތަނުގައި ވެސް 1994 މިސް ވޯލްޑް، ކާންސްގައި ބޭނުންކުރި ބައެއް ހެދުންތަކާއި ކޮށްފައިވާ މޭކަޕްތަކަށް ވެސް ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ. އެގޮތުން އެންމެ ފާހަގަކޮށް ލެވެނީ 2016 ގެ ފެސްޓިވަލްގައި އޭނަ ބޭނުންކުރި ދަނބު ކުލައިގެ ލިޕްސްޓިކް ކަމުނުގޮސްގެން އެ ވާހަކަ އޭރު ބޮޑު ބަހުސަކަށްވުމެވެ.

މި އަހަރުގެ ކާންސްގައި އިންޑިއާގެ ވަރަށް ގިނަ ތަރިން ބައިވެރި އެވެ. އޭގެ ތެރޭގައި ސާރާ އަލީ ޚާން، މަނޫޝީ ޗިލާރް، މުރްނާލް ތާކޫރް، އީޝާ ގުޕްތާ، އުރްވަޝީ ރޯޓޭލާ ފަދަ ތަރިން ހިމެނެ އެވެ.