Last Updated: July 26, 06:31
Sunday, July 26, 2026
މުނިފޫހިފިލުވުން

ޖޫހީގެ އަންހެން ދަރިފުޅު ގްރެޖްއޭޓްވެއްޖެ

ބޮލީވުޑްގެ ބަތަލާ ޖޫހީ ޗާވްލާގެ އަންހެން ދަރިފުޅު ޖަނާވީ މެހެތާ އެމެރިކާގެ ކޮލަމްބިއާ ޔުނިވަސިޓީން ގްރެޖްއޭޓްވެއްޖެ އެވެ.

މިކަން މިއަދު ދަރިފުޅު ގްރެޖްއޭޝަން ގައުންއާ އެކީ ނަގާފައިވާ ފޮޓޯއަކާ އެކީ އިންސްޓަގްރާމްގައި ހިއްސާކުރުމުން ވަރަށް ގިނަ ބަޔަކު އަންނަނީ މަރުހަބާ ވެސް ކިޔަމުންނެވެ. އެގޮތުން ޖޫހީއާ އެކީ ގިނަ ފިލްމުތަކެއް ކުޅުނު އެކްޓަރު ޝާހްރުކް ޚާން، ޖޫހީގެ ޓްވީޓް ރިޓްވީޓްކޮށް މަރުހަބާ ކިޔައި، ތައުލީމީ ރޮނގުން ޖަނާވީ ހޯދި ކާމިޔާބީއާ މެދު ފަހުރުވެރިވާ ކަމަށް ބުނެފައިވެ އެވެ.

ޝާހްރުކާއި ޖޫހީ އަކީ 90 ގެ ތެރޭގައި ބޮލީވުޑްގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދި ސްކްރީން ޖޯޑެކެވެ. ދެ ތަރިން އެކީގައި ކުޅުނު ފިލްމުތަކުގެ ތެރޭގައި "ރާޖޫ ބަންގަޔަ ޖެންޓްލްމޭން"، "ޑަރް"، "ޔެސް ބޮސް"، "ވަން ޓޫ ކާ ފޯ" އަދި "ޕިރް ބީ ދިލް ހޭ ހިސްދުސްތާނީ" ހިމެނެ އެވެ.

ބިޒްނެސް ދާއިރާ އން ކޮލަމްބިއާ ޔުނިވަސިޓީން ޖޫހީގެ ދަރިފުޅު މިއަދު ގްރެޖްއޭޓްވި އިރު، ޖަނާވީ އަކީ ޝާހްރުކާއި ޖޫހީ ހިއްވާސާ ކްރިކެޓް ޓީމް، ކޮލްކަތާ ނައިޓް ރައިޓާސް (ކޭކޭއާރް) ގެ ކަންކަމުގައި ވެސް ހިއްސާވަމުން އަންނަ ކުއްޖެކެވެ. އެގޮތުން އިންޑިއަން ޕްރީމިއާ ލީގް (އައިޕީއެލް) ގައި އެންމެ ފާހަގަކޮށްލެވޭ ޓީމްތަކުގެ ތެރޭގައި ހިމެނޭ ކޭކޭއާރްގެ ބިޑިން މަރުހަލާތަކުގައި ޖަނަވީ ބައިވެރިވަމުން ގޮސްފައިވެ އެވެ.

އެ މަސައްކަތުގައި ޝާހްރުކްގެ ދޮށީ ދެ ދަރިން ކަމަށްވާ އަރިއަން ޚާނާއި ސުހާނާ ޚާން ވެސް ހިއްސާވެ އެވެ. އަރިއަން، 24، އަކީ މިދިޔަ އަހަރު ސަދަން ކެލިފޯނިއާ ޔުނިވަސިޓީން ފިލްމީ މޭކިން އިން ގްރެޖްއޭޓްވެފައިވާ ޒުވާނެކެވެ. ސުހާނާ ވެސް އެމެރިކާގައި ވެސް ޔުނިވަސިޓީ އަށް ކިޔަވާފައިވެ އެވެ. އަދި އޭނަ ވަނީ ފިލްމެއް ވެސް ކުޅެފަ އެވެ. އެއީ މި އަހަރު ރިލީޒްކުރަން ހަމަޖެހިފައިބާ "ދި އާޗީސް" އެވެ.

ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ޖޫހީގެ ތިބެނީ ދެ ކުދިންނެވެ. ވިޔަފާވެރިޔާ ޖޭ މެހެތާ އާއި ޖޫހީ އަށް ލިބިފައި ވަނީ ޖަނާވީ، 22، ގެ އިތުރުން އަރުޖުން މެހެތާ، 20، އެވެ. މަންމަ މަޝްހޫރު ފިލްމީ ތަރިއަކަށް ވެސް ވިޔަސް ޖޫހީގެ ދަރިންނަކީ އެއް އިރެއްގައި ވެސް ފިލްމީ ކަންކަމާ އުޅުނު ބައެއް ނޫނެވެ.