Last Updated: June 20, 02:15
Saturday, June 20, 2026
ޚަބަރު

ކުށުގެ ވެއްޓަށް ނުކުންނަ މީހުން ވަނީ އިތުރު: އިމްރާން

ރާއްޖޭގައި ކުށްކުރުން މަދުކުރަން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ކުށުގެ ވެއްޓަށް ނުކުންނަ މީހުން ވަނީ ގިނަ ކަމަށާއި އެކަމާ ދެކޮޅަށް ވަރަށް ބޮޑަށް މަސައްކަތްކުރަން ޖެހޭ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ޖަކު އޮފިސަރުންނަށް ކުރިއަށް ގެންދިޔަ ކަސްޓޯޑިއަލް މެނޭޖްމަންޓް އެންޑް ސެކިއުރިޓީ ޕްރޮގްރާމްގެ 9 ވަނަ ބެޗްގެ އޮފިސަރުން ދަސްވެނިވުމުގެ ރަސްމިއްޔާތު ރޭ ޝަރަފުވެރިކޮށް ދެއްވައި މިނިސްޓަރު ވިދާޅުވީ ކުށުގެ ވެއްޓަށް ހުށައެޅެމުންދާ މީހުންގެ ޢަދަދު އަދިވެސް އިތުރުވަމުންދާ އިރު، އެކަން ބަދަލުކުރުމަށް ސާބިތުކަމާ އެކީ ހަރުދަނާ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.

"ކުށުގެ ވެއްޓަށް ހުށައެޅެމުންދާ މީހުންގެ ނިސްބަތް ދުވަހުން ދުވަހަށް ދަނީ އިތުރުވަމުން. މިކަން ހުއްޓުވުމަށް ފާއިތުވި ތަނުގައި ވެސް މަސައްކަތްތަކެއް ކުރެވިއްޖެ،" އިމްރާން ވިދާޅުވި އެވެ. "އެހެން ނަމަވެސް އަދިވެސް މިކަން ބަދަލުކުރުމަށް ސާބިތުކަމާ އެކު މަސައްކަތް ކުރަން ޖެހޭ."

މިނިސްޓަރު ވިދާޅުވީ، ކުށުގެ ވެއްޓަށް ހުށައެޅިގެން ޖަލަށް ގެންދެވޭ މީހުން ރަނގަޅު ގޮތުގައި އަނބުރާ މުޖުތަމަޢަށް ނުކުތުމުގައި ޖަލުގައި މަސައްކަތްކުރާ އޮފިސަރުންގެ ދައުރު ވެސް ވަރަށް ބޮޑު ކަމަށެވެ. އެހެންވެ އޮފިސަރުން އެ ޤައުމީ ބޮޑު ޒިންމާއާ ހިތްވަރާއެކު ކުރިމަތިލުމަށް މިނިސްޓަރު އިމްރާން އެދިވަޑައިގެންނެވި އެވެ.

މިނިސްޓަރު ވިދާޅުވީ، ޖަލުތަކުގެ މައްސަލަތައް ޙައްލުކުރުމަށް ވޭތުވެ ދިޔަ ފަސް އަހަރެއްހާ ދުވަހުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އެގޮތުން އިންސާނީ ވަޞީލަތް ވަރަށް ބޮޑަށް އިތުރު ކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.

މާފުށީ ޖަލުގައި ކުރިއަށް ގެންދިޔަ ކަސްޓޯޑިއަލް މެނޭޖްމަންޓް އެންޑް ސެކިއުރިޓީ ޕްރޮގްރާމްގެ 9 ވަނަ ބެޗްގައި 51 އޮފިސަރުން ތަމްރީންވެފައިވެ އެވެ. މީގެ ތެރެއިން 47 ދަރިވަރުން ފާސްވީ ހައި ޑިސްޓިންކްޝަނާ އެކީގަ އެވެ.