Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ލިޔުމުގެ ކުށަކާ ހެދި ޗައިނާ ކިބައިން ރާއްޖެ މަޢާފަށް އެދިއްޖެ

އަބްދުﷲ ޝާހިދު - ފޮޓޯ: ރައީސް އޮފީސް

ލިއުމުގެ ކުށެއްގެ ސަބަބުން ރާއްޖެއިން ޓައިވާނަށް ސަފީރަކު ކަނޑައަޅަން ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވުނު މައްސަލާގައި ރާއްޖެއިން ޗައިނާ ކިބައިން މަޢާފަށް އެދެފިއެވެ.

ރައީސް އޮފީހުން މަޖިލީހަށް ފޮނުވި ސިޓީއަކީ، ޗައިނާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ބަދަލު ކުރުމާއި ގުޅޭގޮތުން މަޖިލީހުގެ މަޝްވަރާ ހޯދުމަށް ފޮނުވި ސިޓީއެކެވެ. އާންމު އުސޫލުން ބަދަލު ކުރެވޭ މިފަދަ ސިޓީތަކުގައި ސަފީރުންކ ކަނޑަައަޅެމަށް ފޮނުވާއިރު ކަނޑައަޅާ ޤައުމާއި ކަނޑައަޅާ ފަރާތުގެ ތަފްސީލުތައް ހިމެނެއެވެ.

މި ސިޓީގައި މައްސަލަ ޖެހުނީ، “ޕީޕަލްސް ރިޕަލިކް އޮފް ޗައިނާ” ޖަހަން ޖެހޭ ތަނުގައި “ރިޕަބްލިކް އޮފް ޗައިނާ” ޖެހުމުންނެވެ. މިއީ ބޮޑަށް ބެލެވޭ ގޮތުގައި ލިއުމުގެ ކުށެކެވެ. ނަމަވެސް ރިޕަބްލިކް އޮފް ޗައިނާ އަކީ، ޗައިނާގެ މައި ސަރުކާރުން ވަކިވާން މަސައްކަތް ކުރާ ޓައިވާންއަށް ކިޔާ ރަސްމީ ނަމަކެވެ. ޓައިވާނަކީ މިނިވަން ދައުލަތެއް ކަމަށް މިހާތަނަށް ރާއްޖެއިން ޤަބޫލުކޮށްފައި ނުވެއެވެ. އަދި ވަކިން ޙާރިޖީ ގުޅުމެއްވެސް ޓައިވާނަކާއި ނޯވެއެވެ.

ނަމަވެސް ސިޓީގައި އެއް ލަފްޒު މަދުވުމުން ސިޓީ މާނަ ކުރެވުނީ ޓައިވާނަށް ރާއްޖެއިން ސަފީރަކު ކަނޑައަަޅަން އުޅޭ ކަމަށެވެ. މިއީ ރާއްޖެއާއި ގާތް ގުޅުމެއް އޮންނަ ޗައިނާގެ ވަން ޗައިނާ ސިޔާސަތާ މުޅިން ޙިލާފު ކަމެކެވެ.

މިމައްސަލަ ފެންމަތިވުމުން، ފޮރިން މިނިސްޓްރީގެ ބޭފުޅުން ވަނީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުންވާފައި ހުންނަވާ ސަފީރު، ވެންގް ލިޒިންގް އާއި ބައްދަލު ކުރައްވާ ކަން ހިނގިގޮތް ސާފުކޮށްދެއްވާފައެވެ. ޢަދި މިކަމަށް ރާއްޖެއިން މަޢާފަށް އެދި ވަން ޗައިނާ ސިޔާސަތުގައި ރާއްޖެ ދެމިތިބޭނެ ކަމުގެ ޔަޤީންކަން ދީފައިވާ ކަމަށެވެ.

ޗައިނާގެ ކިބައިން ރާއްޖެއިން މަޢާފަށް އެދިފައިވާއިރު ޗައިނާއަށް ރާއްޖެއިން ކަނޑައަޅަން ސިޓީ ފޮނުވާފައިވަނީ، ހ. ފިލިގަސްދޮށުގޭ، ހުދާ އަލީ ޝަރީފެެވެ.