ބޮލީވުޑްގެ ތަރި ސަނީ ޑިއޯލްގެ ހަގު ދަރިފުޅު ރަޖްވީރު ޑިއޯލް ބޮލީވުޑަށް ނެރޭ ފިލްމުގެ ނަމަކީ "ދޯނޯ" ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މި ފިލްމުގެ މަސައްކަތް މިހާރު ކުރިއަށްދާ އިރު މިއީ "މޭނޭ ޕިޔާރު ކިޔާ" އާއި "ހަމް އާޕް ކޭ ހޭ ކޯން" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު ސޫރަޖް ބަރްޖަތިއާގެ ދަރިފުޅު އަވްނީޝް ބަރްޖަތިއާ ޑައިރެކްޝަނަށް ނުކުތް ފިލްމެވެ. ސޫރަޖްގެ އާއިލީ ފިލްމު ކުންފުނި، ރާޖްޝްރީ ޕްރޮޑަކްޝަނުން ރަޖްވީރް، 29، ބޮލީވުޑަށް ނެރެން ނިންމިކަން އިއުލާންކުރީ 2021 ގަ އެވެ. އަދި އޭނައާ އެކީ ފިލްމުގެ ބަތަލާގެ ރޯލު ކުޅޭނީ ކުރީގެ މަޝްހޫރު ބަތަލާ ޕޫނަމް ދިލަންގެ ދަރިފުޅު ޕަލޯމާ ތަކޭރިއާ ދިލަން، 27، ކަމަށް އިއުލާންކުރީ މިދިޔަ އަހަރު އެވެ.
އެކަމަކު އެ ފިލްމުގެ ނަމަކީ "ދޯނޯ" ކަމާއި އިތުރު އެއްވެސް ތަފުސީލެއް ރާޖްޝްރީން މިހާތަނަށް ހާމައެއް ނުކުރެ އެވެ. ނަމަވެސް މީޑިއާތަކުން ބުނީ މި ފިލްމަކީ ޑެސްޓިނޭޝަން ވެޑިންއަކަށް ބިނާކޮށް ހަދާ އާއިލީ ލޯބީގެ ފިލްމެއް ކަމަށާއި މި އަހަރު ފިލްމު ރިލީޒްކުރާނެ ކަމަށެވެ.
ސަނީ އާއި ޕޫނަމްގެ ދަރިންތަކެއް އެކީގައި ބޮލީވުޑަށް ތައާރަފުކުރާ އިރު، އެ ދެ ތަރިން އެކީގައި ފިލްމުތަކެއް ވެސް ކުޅެފައިވެ އެވެ. އޭގެ ތެރޭގައި 1986 ގެ "ސަމަންދަރު" ހިމެނެ އެވެ. ސަނީގެ ދޮށީ ދަރިފުޅު ކަރަން ޑިއޯލް ބޮލީވުޑަށް ނުކުތީ އޭނަ ޑައިރެކްޓްކުރި 2019 ގެ "ޕަލް ޕަލް ދިލް ކޭ ޕާސް" އިންނެވެ. ޕޫނަމްގެ ފިރިހެން ދަރިފުޅު އައްމީލް ތަކޭރިއާ ބޮލީވުޑަށް ނުކުތީ 2012 ގެ "ޓިއުޒްޑޭސް އެންޑް ފްރައިޑޭސް" އިންނެވެ.
ދަރިފުޅު އަވްނީޝް ފިލްމު ޑައިރެކްޝަނަށް ނުކުތް، ސޫރަޖްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "އޫޗާއީ" އެވެ.