އައްޑޫސިޓީ ހިތަދޫގައި ރޭ ދަންވަރު ހިންގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ގޭގައި ދިރިއުޅެމުން ދިޔަ މީހުން ވަގުތީ ހިޔަލަކަށް ބަދަލުކޮށްފައިވާ ކަމަށް އައްޑޫސިޓީ ކައުންސިލުން ބުނެފިއެވެ.
ރޭ ދަންވަރު ގަޑިއެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ސ. ހިތަދޫ މާކޯޅިގެ ވަނީ ވަރަށް ބޮޑަށް އަނދައި ބޭނުން ނުކުރެވޭ ވަރު ވެފައެވެ. އެގޮތުން މީހުން އުޅެމުން ދިޔަ ދެ ކޮޓަރި ބޭނުން ނުހިފޭ ވަރު ވެފައިވާއިރު ގޭގައި ހިފާ ގެންގުޅޭ ތަކެއްޗަށްވެސް ވަރަށް ބޮޑަށް ވަނީ ގެއްލުން ވެފައެވެ. މި ހާދިސާއާއި ގުޅިގެން، ދުމުގެ އަސަރުކޮށްގެން 3 ކުދިންނާއި މަންމައަކަށް ހޮސްޕިޓަލުން ވަނީ ފަރުވާ ދީފައެވެ.
މި ހާދިސާއި ގުޅިގެން އައްޑޫސިޓީ މޭޔަރ އަލީ ނިޒާރު އައްޑޫލައިވްއާއި ވާހަކަ ދައްކަމުން ވިދާޅުވީ، މިހާރު އެ ގެއިން މީހުން ބަދަލުވުމަށް ބޯ ހިޔަލެއް ހަމަޖައްސައި ތަޅުދަނޑި އާއިލާއާއި ހަވާލު ކުރެވިފައިވާ ކަމަަށެވެ. މޭޔަރ ވިދާޅުވި ގޮތުގައި ގޭގައި އަލިފާނުގެ ހާދިސާ ހިނގި ވަގުތު 3 ކުޑަކުދިންނާއި އެކު 6 މަދުވެގެން 6 އައިލާ މެންބަރުން އުޅެމުންދާ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ސ.ހިތަދޫ މާކޯޅިގޭގައި ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާގައި އެގެއަށް ބޮޑެތި ގެއްލުންތަކެއް ލިބި، އެގޭގައި ދިރިއުޅުނު ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އައްޑޫ ސިޓީ ކައުންސިލާއި ގުޅިގެން މިގެންދަނީ ކުރަމުން. pic.twitter.com/UcAJ4yZBFs
— NDMA Maldives (@NDMAmv) May 20, 2023
މި ހާދިސާ ހިނގި ވަގުތު ކޮޓަރީގައި އަލިފާން ހިފުމުން މަންމަ އާއި 3 ކުދިންނަށް ކޮޓަރިން ނުކުމެވޭ ގޮތް ވަނީ ނުވެފައެވެ. މިއާއެކު މަންމަ އާއި ކުދިން ނެރުނީ ފާރު ތަޅާލައިގެންނެވެ.
މި ހާދިސާއާއި ގުޅިގެން ކައުންސިލުން ވަނީ އެ ގެއަށް ޒިޔާރަތްކޮށް ދިރިއުޅެމުން ދިޔަ މީހުން ހާލު ބަލާފައެވެ. އަދި މިއާއިލާއަށް އެހީ ވުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީއާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ކައުންސިލުން ބުނެއެވެ.

އެގޭގައި ރޯވާން ދިމާވި ސީދާ ސަބަބެއް މިހާތަނަށް ދެނެގަނެވިފައި ނުވެއެވެ. ނަމަވެސް ރޭ އައްޑޫގެ އަވަށްތަކުން ކަރަންޓު ކަނޑައިގެން ދިއުމުން ބައެއް ސަރަހައްދުތަކަށް ކަރަންޓު ދެވިފައިވަނީ ވަރަށް ލަހުންނެވެ. އެކަމުގެ ސަބަބުން ގޭގައި ދިރިއުޅުނު ފަރާތްތަކުން އުއްބައްތި ޖެހުމަށް ފަހު ނިދަން ދިޔަ ކަމަށް މައުލޫމާތު ލިބެއެވެ. އަދި އަލިފާނުގެ ހާދިސާ ހިނގީ އެކަމުގެ ސަބަބުން ކަމަށް ބޮޑަށް ލަފާވާ މިކަމުގެ މައުލޫމާތު އެނގޭ ބައެއް ފަރާތްތަކުން އައްޑޫލައިވްއާއި ވަނީ ހިއްސާކޮށްފައެވެ.
ނަމަވެސް މި ހާދިސާ ހިނގަން މެދުވެރިވި ސީދާ އެމްއެންޑީއެފް އަދި ރަސްމީ އިދާރާއަކުން ހާމަކޮށްފައި ނުވެއެވެ.