Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ރައީސް ނަޝީދު އުފައްދަވާ ޕާޓީގެ ތަރުޖަމާނަކަށް އަފްޝަން

ރައީސް ނަޝީދު އިސް އުފައްދަވަން މަސައްކަތް ކުރައްވާ ފިކުރެއްގެ ދިރުން ފެކްޝަންގެ ޕާޓީގެ ތަރުޖަމާނަކަށް އެލްޖީއޭގެ ކުރީގެ ރައީސާ އަފްޝަން ލަތީފް ހަމަޖައްސައިފިއެވެ.

ނަޝީދު އިސްވެ ހުންނަވާ އުފައްދަން މަސައްކަތް ކުރާ ޕާޓީގެ ތަރުޖަމާނަކަށް އަފްޝަން ހަމެޖެއްސިކަން އިއުލާންކޮށްފައިވަނީ ފިކުރެއްގެ ދިރުން ފެކްޝަންގައި އިސްކޮށް ހަރަކާތްތެރިވާ ހެންވެއިރު ހުޅަނގު ދައިރާގެ މެންބަރު ހަސަން ލަތީފްއެވެ. އަފްޝަން ތަރުޖަމާނެއްގެ ގޮތުގައި އިއުލާން ކުރެއްވިއިރު އަފްޝަން ވަނީ ދާދި ފަހުން އެލްޖީއޭގެ ރައީސާ ކަމުން އިސްތިއުފާ ދެއްވާފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބުވުމާ އެކު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުފެއްދެވި "ފިކުރެއްގެ ދިރުން ފެކްޝަން" އިން އުފައްދަން ނިންމާފައިވާ ޕާޓީ އުފެއްދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

އެގޮތުން މި ޕާޓީއަށް ކިޔާނެ ނަމަކާއި ޕާޓީގެ ކުލަ ކަނޑައެޅުމަށް އާންމުންގެ ޙިިޔާލު ހޯދުމަށް މިހާރު އިއުލާންކޮށްފައިވާއިރު، ފިކުރެއްގެ ދިރުން ފެކްޝަނުން ވަނީ ރިޔާސީ އިންތިޙާބަށް ކެންޑިޑޭޓަކުވެސް ނެރޭނެ ކަން އިއުލާން ކުރައްވާފައެވެ.

މި ޕާޓީ އުފެއްދުމަށް އަންނަ ހަފްތާގައި ފޯމު ހުށަހެޅުމަށް ފަހު 3،000 މީހުންގެ ސޮއި ހޯދުމުގެ މަސައްކަތް ފަށާނެ ކަމަށް އެ ފެކްޝަނުން ބުނެ އެވެ. އެ ފެކްޝަނަށް ނިސްބަތްވާ 13 މެމްބަރަކު ދާދިފަހުން ވަނީ އެމްޑީޕީން ވަކިވެފަ އެވެ.

ފިކުރެއްގެ ދިރުމުން އުފައްދާ ޕާޓީން މިއަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.