Last Updated: July 24, 18:15
Friday, July 24, 2026
ޚަބަރު

ނަހަމަ ގޮތުގައި ފައިސާ ހޯދާކަށް ނޫޅޭ

ކުންފުނީގެ އެއްވެސް މުވައްޒަފަކު ނަހަމަ ގޮތުގައި ފައިސާ ހޯދަން މުއާމަލާތެއް ހިންގާފައި ނުވާ ކަމަށް މާލޭ ވޯޓާ އެންޑް ސްވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ބުނެފި އެވެ.

އެމްޑަބްލިއުއެސްސީން މިހެން ބުނެފައިވަނީ އެ ކުންފުނިން ކޮންޓްރެކްޓް އުސޫލުން "ޕާޓިކަލްސް" ކުންފުންޏާއި ހަވާލުކޮށްގެން ތައްޔާރު ކޮށްފައިވާ "ޓްރާންސްޕޯޓް މެނޭޖްމަންޓް އެޕްލިކޭޝަން" ގެ މަސައްކަތަށް ފައިސާ ނުދީ ހިފަހައްޓައި، އެ ކުންފުނީގެ މުވައްޒަފުން ނަހަމަ ގޮތުގައި ކޮންޓްރެކްޓަރު އަތުން ފައިސާ ހޯދުމަށް މަސައްކަތްކޮށްފައިވާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކާއި ގުޅިގެންނެވެ.

އެކަމާ ގުޅިގެން އެމްޑަބްލިއުއެސްސީން ނެރުނު ބަޔާނެއްގައި ބުނީ މި މައްސަލަ އާއި ގުޅިގެން އެ ކުންފުނީގެ މުވައްޒަފުން އަދާކޮށްފައިވާ ދައުރާއި، ކޮންޓްރެކްޓަރާއި މިކުންފުންޏާއި ދެމެދު ކަން ހިނގާދިޔަ ގޮތް ބަލާފައިވާކަމަށާއި އެގޮތުން އެ ކުންފުނިން "ޕާޓިކަލްސް" އަށް ދޭންޖެހޭ ފައިސާ ނުދީ ހިފެހެއްޓުމަށް އެ ކުންފުނީގެ އެއްވެސް މުވައްޒަފަކު މަސައްކަތް ކޮށްފައި ނުވާ ކަމަށެވެ.

"ކުންފުނީގެ އެއްވެސް މުވައްޒަފަކު ނަހަމަ ގޮތުގައި ކޮންޓްރެކްޓަރު އަތުން ފައިސާ ހޯދުމަށް އެއްވެސް މުއާމަލާތެއް ހިންގާފައެއް ނުވާނެ." އެމްޑަބްލިއުއެސްސީން ބުނެ އެވެ.

އަދި އެ ކުންފުންޏާއި "ޕާޓިކަލްސް" އާއި ދެމެދު ވެފައިވާ އެއްބަސްވުމުގައި ބިލަށް ފައިސާ ދެއްކުމަށް ކަނޑައަޅާފައިވާ މުއްދަތަށް ކޮންޓްރެކްޓަރަށް ފައިސާ ނުދެއްކި ލަސްވެފައި ނުވާކަމަށް އެބްޑަބްލިއުއެސްސީން ބުނެ އެވެ.

އެމްޑަބްލިއުއެސްސީން ވަނީ މިފަދަ ހަގީގަތާ ޚިލާފު ޚަބަރުތައް މީޑިއާގައި ފެތުރުމަކީ އެމްޑަބްލިއުއެސްސީ އާއި މެދު އާންމުންގެ ތެރޭގައި އޮންނަ އިތުބާރު ގެއްލި ޝައްކާއި ވަހުމް އުފައްދައި އަދި ކުންފުނީގެ ނަން ކިލަނބު ވެގެންދާ ކަމެއް ކަމެއް ކަމަށް ބުނެފަ އެވެ. އެގޮތުން މިފަދަ ހަގީގަތާއި ޚިލާފު މިފަދަ ޚަބަރުތައް ނުފެތުރުމަށް ވަނީ އެދިފަ އެވެ.