Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

އެމްޑީޕީ އަށް ފޯރީގައި މެމްބަރުން އިތުރުކުރަނީީ

މި އަހަރުގެ ރިޔާސީ އިންތިހާބަށް ތައްޔާރުވާން އެމްޑީޕީން ހުކުރު ދުވަހު މުޅި ރާއްޖޭގައި ފެށި ހަރަކާތްތަކާ އެކީ ޕާޓީ އަށް މެމްބަރުން އިތުރު ކުރުމުގެ މަސައްކަތް ވެސް ވަރަށް ފޯރީގައި ކުރިއަށް ގެންދަން ފަށައިފި އެވެ.

އެގޮތުން އަތޮޅުކުން މީހުން އަންނަނީ އެމްޑީޕީ އަށް ސޮއިކުރަމުންނެވެ.

ޕާޓީ އަށް މެމްބަރުން އިތުރު ކުރުމުގެ މަސައްކަތް ރާއްޖޭގެ އެންމެ ބޮޑު ޕާޓީން މި ދަނޑިވަޅުގައި ހާއްސަ އިސްކަމެއް ދީގެން ފެށީ، ޕާޓީ" ގައި އިސްކޮށް ތިބި ބަޔަކު ޕާޓީން ވަކިވެ އާ ޕާޓީއެއް އުފައްދަން ނިންމުމާ އެކީގަ އެވެ.

އެގޮތުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހިންގަވާ "ފިކުރެއްގެ ދިރުން" ފެކްޝަނަކަށް ނިސްބަތްވާ މަޖިލީހުގެ 12 މެމްބަރަކު ވަނީ ޕާޓީން ވަކިވެވަޑައިގެންފަ އެވެ. އަދި އެ ފެކްޝަނުން އާ ޕާޓީއެއް އުފައްދައި، މި އަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރަން ވެސް ވަނީ ނިންމައިފަ އެވެ. އެ ފެކްޝަނުން ބުނެފައިވާ ގޮތުގައި އެ މީހުން އުފައްދާ ޕާޓީ ވާނީ ޕީޕީއެމް ނަގާފައި ދެން ރާއްޖޭގައި އޮންނަ އެންމެ ބޮޑު ޕާޓީއަށެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި ޕާލިމަންޓަރީ ގްރޫޕް (ޕީޖީ) ލީޑަރު މުހައްމަދު އަސްލަމު ވިދާޅުވީ ބަޔަކު ވަކިވެގެން ދިޔަޔަސް އެމްޑީޕީން އަށް ވާނެ މާ ބޮޑު ގެއްލުމެއް ނެތް ކަމަށެވެ. އަދި ކުރިއަށް ވުރެ ޕާޓީ ދެން މާ ވަރުގަދަވާނެ ކަމަށާއި ޕާޓީ އަށް ވަންނަ މީހުން ވެސް ވާނީ އިތުރު ކަމަށް އެ ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބު ވެސް އެއްބުރުން ކާމިޔާބު ކުރާނެ ކަމަށް އެމްޑީޕީން އަންނަނީ ބުނަމުންނެވެ. އެ ޕާޓީގެ ރިޔާސީ ކެންޑިޑަޓަކީ ދެވަނަ ދައުރަކަށް ވާދަކުރައްވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.