Last Updated: July 26, 06:31
Sunday, July 26, 2026
މުނިފޫހިފިލުވުން

ސަލްމާން ޓޫރިސްޓް ހޮޓަލެއް ތަރައްގީ ކުރަނީ

ބޮލީވުޑްގެ ތަރި ސަލްމާން ޚާން މުމްބާއީގައި ޓޫރިސްޓް ހޮޓަލެއް ތަރައްގީކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އޭނަގެ "ބީން ހިއުމަން" ފައުންޑޭޝަންގެ ދަށުން މިހާރު ވެސް ތަފާތު އެކި ކަހަލަ ވިޔަފާރިތައް ހިންގަމުން އަންނަ އިރު، މަތީ ފެންވަރުގެ ޓޫރިސްޓް ހޮޓަލެއް، އިންޑިއާގެ ވިޔަފާރީގެ މައި މަރުކަޒު ކަމަށްވާ މުމްބާގައި ތަރައްގީކުރުމަށްޓަކައި ބަންޑްރާ އިން ބިމެއް ވެސް ގަނެފައިވާ ކަމަށް މީޑިއާތަކުން ބުންޏެވެ.

އެގޮތުން އެ ބިމަކީ ކުރިން "ސްޓާލެޓް" ގެ ނަމުގައި ބޯހިޔާވަހި ކަމަށް ހާއްސަކޮށްގެން ފްލެޓްތަކެއް ހަދާފައި ހުރި ބިމެއް ކަމަށާއި ހޮޓެލް ހަދަން ނިންމާފައި ވަނީ އެތަން ތަޅާލައި ކަމަށް މީޑިއާތަކުން ބުންޏެވެ.

މިކަމަށް މުމްބާއީ މުނިސިޕަލް ކޯޕަރޭޝަން (ބީއެމްސީ) ގެ ހުއްދަ ވެސް މިހާރު ލިބިފައިވާތީ 19 ބުރީގެ ހޮޓަލުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ. މި ތަން ވާނީ ލަގްޒަރީ ފެންވަރަށް ހިދުމަތް ލިބޭ ގޮތަށް ތަރައްގީކުރާނެ ތަނަކަށެވެ.

ސަލްމާން، 57، ޓޫރިސްޓް ހޮޓަލެއް ތަރައްގީކުރަން ނިންމި އިރު، އޭނަ އަކީ ބޮލީވުޑްގެ އެކްޓަރުންގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެކެކެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު ރިލީޒްކުރި "ކިސީ ކާ ބާއީ، ކިސީ ކާ ޖާން" އެވެ. ސަލްމާންގެ ކުރިއަށް އޮތް ފިލްމަކީ ނޮވެމްބަރަށް ތާވަލުކޮށްފައި އޮތް "ޓައިގާ 3" އެވެ.