ބޮލީވުޑްގެ ތަރި ޝާހްރުކް ޚާންގެ ދަރިފުޅު އަރިއަން ޚާން ލިޔެ، ޑައިރެކްޓްކުރަން ތައްޔާރުވަމުން އަންނަ ވެން ސީރީޒްގައި ޝާހްރުކާއި ރަންވީރު ސިންގް ވެސް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި "ސްޓާޑަމް" ނަމުގައި ފިލްމު އިންޑަސްޓްރީގެ ވާހަކައެއް ކިޔައިދޭނެ ސީރީޒްގައި ޝާހްރުކާއި ރަންވީރު ފެންނާނީ ހާއްސަ ކެމިއޯތަކަކުންނެވެ. ރިޕޯޓްތައް ބުނާ ގޮތުން މި ސީރީޒްގައި ޒުވާން އާ ފަންނާނުންނާ އެކީ މަޝްހޫރު ތަރިންތަކެއް ފެންނާނެ އެވެ.
އެގޮތުން ހަ އެޕިސޯޑަށް ހަދަން ނިންމާފައިވާ "ސްޓާޑަމް" ގެ ކާސްޓްގައި މަޝްހޫރު ޓީވީ އެކްޓަރު ރާމް ކަޕޫރްގެ އަންހެނުން، ގޯތަމީ ކަޕޫރް ހިމެނޭ ކަމަށް ޕީޕިން މޫން އިން ބުންޏެވެ. އޭނަ އަކީ ކުރިން ވަރަށް ގިނަ ސިލްސިލާތައް ކުޅުނު ބަތަލާއެކެވެ. އޭގެ ތެރޭގައި "ކިޔުކީ ސާސް ބީ ބަހޫ ތީ" އާއި "ގަރް އޭކް މަންދިރު" އަދި "ގުބޫލް ހޭ" ހިމެނެ އެވެ.
ދަރިފުޅުގެ ފުރަތަމަ ސީރީޒްގައި ޝާހްރުކް ހިމެނޭ ކަމަށް އަޑު ފެތުރިފައިވާ އިރު، އަރިއަން ހިއްސާވާ ބްރޭންޑް "ޑި-ވަޔޯލް" އިން މިދިޔަ މަހުގެ ފަހުކޮޅު ލޯންޗްކުރި ސްޓްރީޓްވެއާ ކަލެކްޝަންގެ އިޝްތިހާރުގައި އަރިއަން އާއި ޝާހްރުކް އެކީގައި ފެނިފައިވެ އެވެ. އެ އިޝްތިހާރު ޑައިރެކްޓްކުރީ ވެސް އަރިއަން އެވެ.
އޭނަގެ އަލަތު ވެބް ސީރީޒްގެ ސްކްރިިޕްޓް ނިންމައިލިކަން މިދިޔަ އަހަރުގެ ފަހުކޮޅު އިއުލާންކުރި ނަމަވެސް އެއާ ބެހޭ އިތުރު ތަފުސީލެއް ނުދެ އެވެ.