Last Updated: July 26, 06:31
Sunday, July 26, 2026
މުނިފޫހިފިލުވުން

އާނޯލްޑްގެ އެންމެ ބޮޑު ފީ އަކީ 30 މިލިއަން

ހޮލީވުޑްގެ ތަރި އާނޯލްޑް ޝްވެޒްނެގާ އަށް ފިލްމަކުން ލިބުނު އެންމެ ބޮޑު ފީ އަކީ "ބެޓްމޭން އެންށް ރޮބިން" އިން ލިބުނު 30 މިލިއަން ޑޮލަރު ކަމަށް ބުނެފި އެވެ.

އެ ފިލްމަކީ 1997 ގައި ރިލީޒްކުރި ސިޕަހީރޯ ފިލްމަކަށް ވިޔަސް، ބެލުންތެރިންގެ މާ ބޮޑު ތަރުހީބެއް ނުލިބުނު ފްލޮޕެކެވެ. ޖޮއެލް ޝުމޭކާ 160 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި "ބެޓްމޭން އެންޑް ރޮބިން" އަށް ބޮކްްސް އޮފީހުގައި ލިބުނީ އެންމެ 238 މިލިއަން ޑޮލަރެވެ. އޭ-ލިސްޓް ތަރިންތަކެއް ހިމެނޭ ފިލްމަކާ ބަލާފައި އެއީ ވަރަށް "ލަދުވެތި" އާމްދަނީއެކެވެ. "ބެޓްމޭން އެންޑް ރޮބިން" ގެ ކާސްޓްގައި ޖޯޖް ކްލޫނީ އާއި އުމާ ތާމަން އާއި ކްރިސް އޯޑޮނެލް ފަދަ ތަރިން ހިމެނެ އެވެ.

ކެރިއަރުގައި ފިލްމަކުން ލިބުނު އެންމެ ބޮޑު އާމްދަނީ ފުލޮޕް ފިލްމަކުން ލިބުމުން އާނޯލްޑް ބުނީ 30 މިލިއަން ޑޮލަރުގެ ފީއާ އެކީ އޭރު އޭނަވީ ހޮލީވުޑްގެ އެންމެ އަގުބޮޑު ތަރިއަށް ކަމަށެވެ. އަދި އެއީ މީގެ 26 އަހަރު ކުރިއަށް ބަލާ އިރު، ހޮލީވުޑްގެ ތާރީހި ބަދަލުކޮށްލި ކަމެއް ކަމަށް ބުންޏެވެ.

މިހާރު ވަރަށް މަދުން ފިލްމުތަކުން ފެންނަ 75 އަހަރުގެ އެކްޓަރުގެ ކެރިއަރުގެ އެންމެ މަޝްހޫރު ފިލްމުތަކަކީ "ޓާމިނޭޓާ" ފްރެންޗައިޒްގެ ފިލްމުތަކެވެ. އާނޯލްޑް އެންމެ ފަހުން ފެނިފައި ވަނީ 2019 ގެ "ޓާމިނޭޓާ: ޑާކް ފޭޓް" އިންނެވެ. އޭނަގެ ކުރިއަށް އޮތް ފިލްމަކީ "ކުންގް ފިއުރީ 2" އެވެ.