ބޮލީވުޑްގެ ތަރި ރަންބީރް ކަޕޫރް މިހާރު ގޯލްފަށް ވަރަށް ބޮޑު ޝައުގުވެރި ކަމެއް ދޭ ކަމަށާއި އޭނަ އެ ކުޅިވަރު ދަސްކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޕިންކްވިލާ އިން ބުނީ ބަތަލާ އާލިއާ ބަޓްގެ ފިރިމީހާ އަށް މިހާރު ވަގުތަށް ލިބޭ އިރަކުން ގޯލްފަށް ވަގުތުދޭ ކަމަށެވެ. އެގޮތުން ޝޫޓީންތަކަށް އިންޑިއާގެ އެކި ހިސާބުތަކަށާއި ގައުމުން ބޭރަށް ވެސް ދަތުރުކުރާ އިރު ، ޝޫޓިން ޝެޑިއުލްގެ ހަވާސާގެ ތެރެއިން ވަގުތު ހޯދައިގެން ރަންބީރް ގޯލްފް ކުޅެމުން އަންނަ ކަމަށް އެ ނޫހުން ބުންޏެވެ.
ރަންބީރް އާ ކުޅިވަރަކަށް ޝައުގުވެރިކަން ދޭން ފެށި އިރު، އޭނަ އަކީ ވަރަށް ކުރިއްސުރެ ވެސް ފުޓްބޯޅަ ކުޅޭ މީހެކެވެ. އެގޮތުން ރަންބީރަކީ ޕްރޮޑިއުސަރު ބަންޓީ ވާލިއާގެ ފުޓްބޯޅަ ކުލަބް، އޯލް ސްޓާ އެފްސީގެ ވެސް މެމްބަރެކެވެ. ސެލެބްރިޓީންގެ މެދުގައި ބާއްވާ މުބާރާތްތަކުގައި ރަންބީރް އާންމުކޮށް ކުޅެ އެވެ.
މާޗްގައި ރިލީޒްކުރި "ތޫ ޖޫޓީ، މޭ މައްކާރް" އަށް ފަހު ކާމިޔާބު އެކްޓަރުގެ ކުރިއަށް އޮތް ފިލްމަކީ އޮގަސްޓްގައި ގެނެސްދޭ "އެނިމަލް" އެވެ.