ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރަށް ސަރުކާރުގެ ފަރާތުން މަޖިލީަށް ހުށަހެޅުމަށް ގަސްތުކުރާ ބިލްތަކުގެ ލިސްޓު ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.
އޭޖީ އޮފީހުން ވިދާޅުވީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރަށް ހުށަހެޅުމަށް ޤަޞްދުކުރާ ބިލުތަކުގެ ލިސްޓު، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 82 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ފޮނުވާފައިވާ ކަމަށެވެ.
ޖުމުލަ 14 ބިލެއް މީގެތެރޭގައި ހިމެނެއެވެ. އޭގެތެރެއިން ފާހަގަކުރެވޭ ބައެއް ބިލްތަކުގެ ތެރޭގައި ހައްޖާއި އުމުރާގެ ބިލު، ފޮރިން އިންވެސްޓްމެންޓްގެ ބިލު، ވަޒީފާ ގެއްލޭ ފަރާތްތަކުގެ އިންޝުއަރެންސްގެ ބިލު އަދި ޒަކާތުގެ ބިލެވެ. މީގެއިތުރުން 10 ޤާނޫނެއް އިސްލާހު ކުރުމަށް މަޖިލީހަށް ހުށަހެޅުމަށް ވަނީ ނިންމާފައެވެ.
މަޖިލީހުގެ މި ދައުރަށް ހުށަހަޅާ ބިލްތަކުގެ ލިސްޓު ފޮނުވާފައިވާއިރު އޭގެތެރޭގައި އަދި ވެސް މިސަރުކާރުގެ ވައިދެއްގެ ގޮތުގައި ހިމެނޭ ޖުޑިޝަލް ސަރވިސް ކޮމިޝަން އެކުލެވޭގޮތް ބަދަލުކުރުމުގެ އިސްލާހު އިމަނާފައެއް ނުވެއެވެ.