އައްޑޫގެ އަވަށްތަކުގެ ބަނދަރުތައް ބަލަހައްޓަން ހާބަރ ޕޯސްޓުތައް ހަދަން ކައުންސިލުން ބީލަމަށް ހުޅުވާލައިފިއެވެ.
އައްޑޫގެ ހުރިހާ އަވަށެއްގެ ބަނދަރުތަކުގައި ހާބަރ ޕޯސްޓުތައް ހަދަން ނިންމައި، ބީލަމަށް ހުޅުވާލާފައިވަނީ އަމިއްލަ ތަކެތީގައި އެމަސައްކަތް ކުރުމަށެވެ. އެގޮތުން ހިތަދޫ، މަރަދޫ، މަރަދޫ-ފޭދޫ އަދި ފޭދޫ ބަނދަރުގައި ހާބަރ ޕޯސްޓް ހެދުމަށާއި، މީދޫ އަދި ހުޅުދޫ ބަނދަރުގައި ހާބަރ ޕޯސްޓް ހެދުމަށް އައްޑޫސިޓީ ކައުންސިލުން ވަނީ އިއުލާންކޮށްފައެވެ.
ބަނދަރު ޕޯސްޓުތައް ހަދަން ނިންމި ސަބަބާއި ގުޅޭގޮތުން އައްޑޫލައިވްއަށް މައުލޫމާތު ދެމުން އައްޑޫސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރ މުހައްމަދު ޝުޢާއު ވިދާޅުވީ، މިއީ ބަނދަރު ބެލެހެއްޓުމުގެ މަސައްކަތް ކުރާ ކައުންސިލުގެ މުވައްޒަފުން ބޯހިޔާ ކުރުމަށް ކުރެވޭ މަސައްކަތެެއް ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އިދާރީ މަސައްކަތް ކުރުމުގެ އިތުރުން، މުވައްޒަފުން އިތުރުކޮށް 24 ގަޑިއިރު ބަނދަރުތައް ބެލެހެއްޓޭނެ އިންތިޒާމެއް މިކަމުގެ ތެރެއިން ހަމަޖެހިގެން ދާނެ ކަމަށް ވިދާޅުވިއެވެ.
އަމިއްލަތަކެތީގައި ޕޯސްޓް ހަދަން ބޭނުންވާ ފަރާތްތަކުން ބީލަމަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ހުޅުދޫ އަދި މީދޫ ބަނދަރަށް ބީލަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ އެއްވަނަ ދުވަހު 11:00 ގައެވެ. އަދި ގުޅިފައިވާ ރަށްތަކުގެ ބީލަން ބަލައިގަންނަން ހަމެޖެހިފައިވަނީ، ޖޫން 04 ވާ އާދީއްތަ ދުވަހު 10:00 ގައެވެ. ބީލަމާއި ގުޅޭ އިތުރު ތަފްސީލް އައްޑޫސިޓީ ކައުންސިލް އިދާރާ ވެބްސައިޓުން ލިބޭނެއެވެ.
ކައުންސިލުން ހާބަރ ޕޯސްޓުތައް ޤާއިމް ކުރަން ނިންމާފައިވާއިރު، ބަނދަރުތަކުން ފީ ނެގުމަށް ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ. މީގެ އިތުރުން ބަނދަރުތައް ބެލެހެއްޓުމުގެ މަސައްކަތް ކުރަން ބަނދަރު އިންސްޕެކްޓަރުން ސިޓީ ކައުންސިލުން ވަނީ ހަމަޖައްސާފައެވެ.