Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

"ރައީސްކަން ކުރެއްވި ބޭފުޅުންގެ ކުޑަ ޕާޓީ އެކަކު ނިޔާވިޔަސް އުވިދާނެ"

އައްޑޫސިޓީ މޭޔަރ އަލީ ނިޒާރު ޕްރައިމަރީ ޖަލްސާގައި ވާހަކަ ދައްކަވަނީ / ފޮޓޯ: އައްޑޫލައިވް

ކުރީގެ ރައީސްކަން ކުރެއްވި ބޭފުޅުންގެ ކުޑަ ޕާޓީ އެކަކު ނިޔާވިޔަސް އުވިދާނެ ކަމަށް އައްޑޫސިޓީ މޭޔަރ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު އިސްވެ ހުންނަވާ މިއަދު "ދަ ޑިމޮކްރެޓްސް" ނަމުގައި ޕާޓީއެއް ރަޖިސްޓްރީ ކުރުމަށް އެލެކްޝަން ކޮމިޝަނަށް ހުށަހަޅާފައިވާއިރު، ނިޒާރުގެ ބަހުގެ ޙަމަލާތައް އަމާޒުވީ މިކަމަށް ކަމަށް ބެލެވެއެވެ. މިގޮތުން ނިޒާރު ކުރެއްވި ޓްވީޓެއްގައި ވަނީ ކުދި ގިނަ ޕާޓީތައް ހުރުމަކީ މައްސަލައެއް ނޫން ކަމަށް ވިދާޅުވެފައެވެ.

އެގޮތުން އެމެރިކާގައި 420 ސިޔާސީ ޕާޓީއޮތް ކަމަށް ވިދާޅުވެ ނިޒާރު ރާއްޖޭގައި ކަން އޮތީ މިގޮތަށް ކަމަށެވެ. އަދި ރައީސްކަން ކުރެއްވި ބޭފުޅުންގެ ކުޑަ ޕާޓީތައް 3000 ގައި ހިފަހައްޓަނީ އެ ޕާޓީ އުފައްދަން ސޮއިކުރި އެންމެން ދުނިޔޭގައި ތިބީތީ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އެއިން އެކަކުވެސް ނިޔާވެއްޖެ ނަމަ ޕާޓީ އުވިދާނެ ކަމަށް ވިދާޅުވެ ނިޒާރުގެ ފާޑު ކިއުން ވަނީ ވަރަށް ބޮޑަށް ނަޝީދުގެ ޕާޓީއަށް އަމާޒުވެފައެވެ.

ނިޒާރު މިމޭރުމުން ވާހަކަ ދައްކާފައިވާއިރު، ނިޒާރު އަކީ ރައީސް ސޯލިޙުގެ ސިޔާސަތުތަކަށް ފާޅުކަން ބޮޑުކޮށް ތަޢީދު ކުރައްވާ ބޭފުޅެއް ކަން މީގެ ކުރިން ހާމަކޮށްފައެވެ. އެގޮތުން އެމްޑީޕީގެ އެތެރޭގެ ރިޔާސީ ޕްރައިމަރީގައިވެސް ނިޒާރު ކެމްޕެއިން ކުރެއްވީ ރައީސް ސާލިޙް އަށެވެ.

ނަޝީދު އިސްކޮށް ހުންނަވައި ޕާޓީ ހައްދަވަން މިއަދު އިލެކްޝަންސް އަށް ހުށަހެޅުމަށް ފަހު އެ ޕާޓީގެ ތަރުޖަމާނު އަފްޝަން ވަނީ އެ ޕާޓީން ރިޔާސީ ކެންޑިޑޭޓެއް ނެރޭނެ ކަން ޔަޤީންކޮށްދެއްވާފައެވެ.