Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

މެޑްޓެކުން ވިއްކި ސުކޫކަށް 20 މިލިއަން ރުފިޔާ

މެޑް ޓެކް ކުންފުނިން މަސައްކަތް ކުރަމުން ދިޔަ މަސައްކަތެއް / ފޯޓޯ: މެޑްޓެކް

ރާއްޖޭގައި އަމިއްލަ ކުންފުންޏަކުން ވިއްކާ ފުރަތަމަ ސުކޫކް މެޑްޓެކްއިން ވިއްކައި 20 މިލިއަން ރުފިޔާ ހޯދައިފިއެވެ.

ރާއްޖޭގެ ކެޕިޓަލް މާކެޓް މެދުވެރިކޮށް ސުކޫކަށް ފައިސާ ހޯދިއިރު، ސުކޫކަށް އިންވެސްޓު ކުރުމަށް ހުޅުވާލީ މިދިޔަ އެޕްރީލް މަހު 19 ވަނަ ދުވަހުއެވެ. މި ސްކޫކު ހުޅުވާލީ 30 މިލިއަން ރުފިޔާއަށް ވިއްކުމަށެވެ. ސުކޫކުގެ މުއްދަތު މިމަހުގެ 18 ވަނަ ދުވަހު ހަމަވިއިރު، 20 މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށް ސްކޫކުގެ ލީޑް އެރޭންޖަރު ފަސްޓް ނޭޝަނަލް ކޯޕަރޭޝަނުން ވަނީ ހާމަކޮށްފައެވެ.

މި ސުކޫކުގެ މުއްދަތަކީ 7 އަހަރެވެ. މި ސުކޫކަށް އިންވެސްޓް ކުރާ ފަރާތްތަކަށް އަހަރަކު ދެ ފަހަރު ފައިދާ ބަހާއިރު، ނުވަ އިންސައްތަ ފައިދާ ލިބޭނެއެވެ.

ފަސްޓް ނޭޝަނަލް ކޯޕަރޭޝަނުގެ ސީއީއޯ ހަސަން ޒިޔަތު ސްކޫކުގެ ކާމިޔާބީއާއި ގުޅޭގޮތުން ވިދާޅުވީ ރާއްޖޭގެ އަމިއްލަ ކުންފުނިތަކުން ޝަރީޢާ ޤަބޫލުކުރާ ޕްރޮޑަކްޓަކަށް މިދިން ތަރުހީބަށް ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އިންވެސްޓް ކުރުމަށް މިފަދަ ގިނަ ފަހި ފުރުސަތުތަކެއް ރާއްޖޭގެ ކެޕިޓަލް މާކެޓަށް ތަޢާރަފް ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ވިދާޅުވިއެވެ.

މި ސުކޫކު ވިއްކުމަށް ހުޅުވާލާފައިވަނީ، މޯލްޑިވްސް ސްޓްކް އެކްސްޗޭންޖުގެ ވިޔަނަ ޕޯޓަލް މެދުވެރިކޮށެވެ. މެޑްޓެކް ޑައިގްނޯސްޓިިކްސްގެ ސުކޫކު ވިއްކުމަށް ހުޅުވާލުމުގެ ހުރިހާ މަސައްކަތެއްކޮށް ލީގަލް ފްރޭމްވޯކް ތައްޔާރުކޮށްފައިވަނީ ފަސްޓް ނޭޝަނަލް ފައިނޭންސް ކޯޕަރޭޝަންއިންނެވެ. މެޑްޓެކް 7 އަހަރު ދުވަހުގެ ސުކޫކު ވިޔަނަ ޕޯޓަލް މެދުވެރިކޮށް ވިއްކާފައިވާއިރު ވިޔަނަ ޕޯޓަލްގައި އިންވެސްޓަރުންގެ އަދަދު 237 އަރާ ކަަމަށް ފަސްޓް ނޭޝަނަލް ފައިނޭންސް ކޯޕަރޭޝަނުން ބުނެއެވެ.

މެޑްޓެކް އިން މި ސުކޫކް ވިއްކަނީ، ހުޅުމާލޭގައި އެކުންފުނިން ޤާއިމް ކުރުމަށް ހަމަޖެހިފައިވާ ހެލްތް އެންޑް ވެލްނެސް ސެންޓަރަށް ފައީސާ ހޯދުމުގެ ގޮތުންނެވެ.