Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ހުޅުމާލޭ އުނިމާ ޕާކިން ޒޯނުން އަހަރު ދުވަހަށް 10 ޖާގަ

އުނިމާ ޕާކިން ޒޯން - ހުޅުމާލެ / ފޮޓޯ: އާބަންކޯ

ހުޅުމާލެ ފޭސް އެކެއްގެ ތަރައްޤީކޮށްފައިވާ އުނިމާ ޕާކިން ޒޯނުން ޖާގަތަކަށް ކުރިމަތިލުމުގެ ފުރުސަތު އާބަންކޯއިން ހުޅުވާލައިފިއެވެ.

ރެޑްވޭވް މޯލް ކައިރީގައި ތަރައްޤީކޮށްފައިވާ އުނިމާ ޕާކިން ޒޯނުން ޖާގަތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލިއިރު ބީލަން ފަށަނީ 1500ރ. އިން ނެވެ. ޕާކިން ޒޯނުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 10 ޖާގައެވެ. ޖާގަތަކަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ މިމަހުގެ 17 ވަނަ ދުވައެވެ. ބީލަމަށް ހުށަހަޅާ ފޯމް ބަލައި ގަންނާނީ އަންނަ ޖޫން މަހުގެ 11 ވަނަ ދުވަހު 1:00 އިން 2:00 އަށެވެ. އަދި ބީލަން 2:30 ގައި ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ.

މި ޖާގަތަކަށް ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓު ދިނުމުގައި ބީލަމުގެ ގޮތުގައި ހުށަހަޅާ އަގަށް 80 ޕޮއިންޓު، އަދި އެ ނޭބަރހުޑްގައި ދިރިއުޅޭ ފަރާތްތަކަށް 20 ޕޮއިންޓު ކަނޑައަޅާފައި ވެއެވެ. މި ބީލަމާބެހޭ އިތުރު މައުލޫމާތު މި ލިންކުން ލިބޭނެއެވެ.

މި ބީލަމުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުތު ތަކުގެ ތެރޭގައި، ދިވެހި ރައްޔިތެއް ކަމުގައިވުން، އުމުރުން 18 އަހަރު ފުރިފައިވުން، އަދި އެ ފަރާތެއްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ކާރަކަށް ޕާކު ކުރަން ބޭނުންވާ ކާރު ވުން ހިމެނެއެވެ. އަދި އެފަރާތަކީ އަރބަންކޯ މިވަގުތު އެއްވެސް ޕާކިން ޖާގައެއް ކުއްޔަށް ހިފާފައިވާ ފަރާތެއް ކަމުގައި ވެގެން ނުވާނެ ކަމަށް އާބަންކޯއިން ބުނެއެވެ.

މިކަމުގެ މައިގަނޑު މަގުސަދަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހުޅުމާލޭގައި ފަސޭހަ ކަމާއި އަދި ހަމަހަމަ ކަމާއެކު ކާރު ޕާކު ކުރުމަށް މަގުފައި ކޮށްދިނުމެވެ. ޖާގައިގެ ދަތިކަމުގެ ސަބަބުން ވެހިކަލް ޕާކު ކުރުމަށް ދިމާވާ ދަތިތައް ހައްލު ކުރުމަށް އަރބަންކޯއިން އަންނަނީ ގިނަގުނަ މަސައްކަތް ތަކެއް ކުރަމުންނެވެ.

ހުޅުމާލޭގައި ދިރިއުޅޭ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުން އަންނައިރު، ހުޅުމާލޭގައި ވެހިކަލް ޕާކް ކުރާނެ ޖާގަތައް ތަރައްޤީކުރުމަށް އާބަންކޯއިން ދަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން ރާއްޖޭގެ ފުރަތަމަ ސްމާޓް ޕާކިން އާބަންކޯއިން ވަނީ ތަރައްޤީކޮށްފައެވެ.