މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ ބްރާދާސްގެ މުހައްމަދު މޫސާ، އުއްޗު ހއ. ހޯރަފުށީ އިންޓަނޭޝަނަލް ޕްރީސްކޫލަށް 1.1 މިލިއަން ރުފިޔާގެ އެހީއެއް ވެދީފިއެވެ.
"ކޭމްބްރިޖް އިންޓަނޭޝަނަލް ސްކޫލުގެ ނަމުގައި އެރަށު ކައުންސިލުން ހިންގާ ޕްރީ ސްކޫލަށް، އުއްޗުގެ މިއެހީ ހަވާލުކޮށްދެއްވީ އޭނާގެ ދަރިކަނބަލުން ސާރާ މުހައްމަދު މޫސާ އެވެ. އެ އެހީއާ ހަވާލުވެވަޑައިގަތީ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް އާއި ކައުންސިލްގެ ރައީސް މުހައްމަދު ވަހީދެވެ.
އުއްޗުގެ ފަރާތުން އެ ސްކޫލަށް ދެނީ ޖުމްލަ 1،171،558ރ. އެވެ. އޭގެ ތެރެއިން ބައެއް މާލީ އެހީގެ ގޮތުގައި އަދި އަނެއް ބައި ދީފައިވަނީ ތަކެތީގެ ގޮތުގަ އެވެ. އެ ތަކެތީގެ ތެރޭގައި ޕްރީ ސްކޫލަށް ބޭނުންވާ ފަރުނީޗަރާއި އޮފީސް ސާމާނާއި ކުދިން ކުޅޭނެ ޕްލޭ ގްރައުންޑަށް ބޭނުންވާނެ ތަކެތި ހިމެނެ އެވެ.
އެ ސްކޫލުގައި އަންނަ އޮގަސްޓް މަހު ފަށާ ދިރާސީ އާ އަހަރާއެކު ކިޔަވައިދޭން ފަށާނެ އެވެ. މިއިން ސްކޫލުގެ ކޮންމެ ކްލާހަކީވެސް 20 ކުދިންނަށް ކިޔަވައިދޭވެނެ ވަރުގެ ޖާގައިގެ 3 ކްލާސް ހުރެއެވެ.
އުއްޗުގެ މި އެހީއަކީ 2021 ވަނަ އަހަރު އުއްޗު އެރަށަށް ކުރި ޒިޔާރަތުގައި ރައްޔިތުންގެ ފަރާތުން ސްކޫލުގެ ކަންކަން ކުރުމަށް އެހީތެރިކަމަށް އެދި ހުށަހެޅުމުން ލިބުނު އެހީއެކެވެ. މީގެ ކުރީންވެސް ސްކޫލުގެ ކަންކަމަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.