Last Updated: July 26, 06:31
Sunday, July 26, 2026
މުނިފޫހިފިލުވުން

"ލޯބިވެވިއްޖެ" ގެ ވަދާއީ ޝޯ ޖޫން 2 ގައި

މި މަހުގެ 3 ގައި އޮލިމްޕަސް ސިނަމާގައި ޕްރީމިއާކުރި އަލީ ސީޒަންގެ ފިލްމު "ލޯބިވެވިއްޖެ" ގެ ޝޯތައް އެތަނުގައި އަންނަ މަހާ ހަމައަށް ކުރިއަށް ގެންދާނެ ކަމަށް ބުނެފި އެވެ.

އެ ފިލްމުގެ ޕްރޮޑިއުސަރުންގެ ތެރޭގައި ހިމެނޭ އަލީ ޝާނީޒް ބުނީ ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނަ ފިލްމުގެ ވަދާއީ ޝޯ އޮލިމްޕަހުގައި އޮންނާނީ އަންނަ މަހުގެ 2 ވަނަ ދުވަހުގެ ރޭ ކަމަށެވެ. މާލޭގައި ފިލްމުގެ ޝޯތައް ކުރިއަށްދާ އިރު، "ލޯބިވެވިއްޖެ" އަތޮޅުތެރޭގެ ތިން ސަރަހައްދެއްގައި ވެސް އަޅުވާފައިވެ އެވެ.

އެގޮތުން މި މަހުގެ 4 ގައި އައްޑު އާއި ގދ. ތިނަދޫގެ އިތުރުން ހދ. ކުޅުދުއްފުށީގައި ފިލްމު ދައްކާފައިވެ އެވެ.

ޝާނީޒް ބުނީ ރަށު ޑިސްޓްރިބިއުޓަރުން މެދުވެރިކޮށް "ލޯބިވެވިއްޖެ" ރަށްރަށުގައި ދައްކަން ޝައުގުވެރިވާ ރަށްރަށަށް އަންނަ މަހުގެ 8 އިން ފެށިގެން ފުރުސަތު އޮންނާނެ ކަމަށެވެ. މި އިންތިޒާމު މި ނަމްބަރު 7458800 އަށް ގުޅައިގެން ހަމަޖެއްސޭނެ އެވެ.

މި އަހަރު އޮލިމްޕަހަށް ގެނައި ތިން ވަނަ ފިލްމު "ލޯބިވެވިއްޖެ" އަކީ އަހުމަދު ޒަރީރުގެ ސްކްރީންޕްލޭއަކަށް ސީޒަން ޑައިރެކްޓްކޮށް، ކުޅުނު އިރޮޓިކް ތުރިލާއެކެވެ. މީގެ ބަތަލާއިންނަކީ މަރިޔަމް އައްޒަ އާއި އައިމިނަތު ރިޝްފާ އެވެ.

"ލޯބިވެވިއްޖެ" އެޅުވި ފަހުން އޮލިމްޕަހުގައި ހާއްސަ ކަންތައްތަކެއް ވެސް ހިނގާފައިވެ އެވެ. އެގޮތުން އިންޑިއާގެ ތަރި އަފްތާބް ޝިވްދަސާނީ އަށް ފިލްމު ބަލަން ދިން ދައުވަތު ގަބޫލުކޮށް އޭނަ އެ ފިލްމު ބެލުމާއި ރާއްޖޭގެ މަހުޖަނަކަށް އޭނަގެ އަނބިންނާ އެކީ ފިލްމު ބަލަން ޕްރައިވެޓް ސްކްރީނިންއެއް ބާއްވައި ދިނުން ހިމެނެ އެވެ.

"ލޯބިވެވިއްޖެ" ސީކްއެލްއެއް ވެސް ހަދަން މިހާރު އޮތީ ނިންމައިފަ އެވެ. އަދި އެ ފިލްމު އަންނަ އަހަރު ގެނެސްދޭނެ އެވެ.