Last Updated: June 20, 02:15
Friday, June 19, 2026
ޚަބަރު

އައްޑޫގައި ބޮޑު އީދު ކުލަގަދަކޮށް ފާހަގަކުރަނީ

މި އަހަރުގެ ބޮޑު އީދު ވެސް އައްޑޫގައި ކުލަގަދަކޮށް ފާހަގަމުރަން ކައުންސިލުން ނިންމައިފި އެވެ.

އެތަނުން ބުނީ މި އަހަރުގެ "އައްޑޫ އީދީ ސަމާ" ކުރިއަށް ގެންދަން ނިންމާފައި ވަނީ ޖޫން 27 އިން ޖުލައި 1 އަށް ކަމަށެވެ. އެގޮތުން މި ހަރަކާތުގެ ތެރޭގައި ބާއްވަން ނިންމާފައިވާ ފަންނާނުންގެ ޝޯގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ.

ޖުލައި މަހުގެ 1 ވަނަ ދުވަހުގެ ރޭ ބާއްވާ ޝޯގައި ނެށުމުގެ އައިޓަމްތައް ހުށަހަޅައި ދިނުމާއި ސްޓޭޖް އެހެން ހަރަކާތްތައް ހުށަހަޅައިދޭން ބޭނުންވާ ފަންނާނުންނާއި މިއުޒިކް ބޭންޑްތަކަށް "އައްޑޫ އީދި ސަމާ" ގައި ބައިވެރިވުމުގެ ފުރުސަތު ވަނީ މި މަހުގެ 28 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މި ލިންކް https://fors.gle/UoFnSWCdTxb6gzYT6 މެދުވެރިކޮށް އެޕްލައި ކުރެވޭނެ އެވެ.

ކައުންސިލުން ބުނީ ޝޯގައި ބައިވެރިވާން ހަތަރު ފަރާތަށް ވުރެ ގިނަ ފަރާތުން ޝައުގުވެރިކަން ފާޅުކޮށްފި ނަމަ، ޝޯގައި ޕާފޯމްކުރާނެ ފަރާތްތައް ނިންމާނީ ހުށަހަޅާ ފަރާތްތަކަށާއި، ހުށަހެޅުންތަކަށް ބަލައިފައި ކަމަށެވެ.

މިކަމާ ބެހޭ އިތުރު މައުލޫމާތު ކައުންސިލްގެ ޕަބްލިކް ރިލޭޝަންސް އޮފިސަރު ސިމާން ހާދީ 7741155 އަށް ގުޅައިގެން ހޯދޭނެ އެވެ.

ކައުންސިލުން މިދިޔަ އަހަރު ވެސް އައްޑޫގައި ވަރަށް ކުލަގަދަކޮށް ބޮޑު އީދު ފާހަގަކުރި އިރު ހުރިހާ އަވަށްތަކަށް ބަހާލައިގެން ތަފާތު އެކި ކުޅިވަރު މުބާރާތްތައް ބޭއްވި އެވެ. ކައުންސިލުން ބުނީ މި އަހަރު ވެސް "އައްޑޫ އީދި ސަމާ" ގެ ހަރަކާތްތައް އައްޑޫގެ ހަ އަވަށުގައި ބާއްވާނެ ކަމަށެވެ. މިދިޔަ އަހަރު ބޮޑު އީދު ފާހަގަކުރަން ހިންގި ހަރަކާތްތަކަށް ކައުންސިލުން 200،000ރ. ގެ ބަޖެޓެއް ފާސްކުރި އެވެ.

މިދިޔަ އަހަރުގެ ބޮޑު އީދު ކުލަގަދަކޮށް ފާހަގަކުރުމަށް ފަހު މޭޔަރު އަލީ ނިޒާރު ވިދާޅުވެފައި ވަނީ މި އަހަރުގެ ބޮޑު އީދު ކުރިއަށް ވުރެ މާ ކުލަގަދަކޮށް ފާހަގަކުރާނެ ކަމަށެވެ.