Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

12 މެންބަރުން އުނިކުރުމުން އެމްޑީޕީގެ ސުޕަމެޖޯރިޓީ ގެއްލިއްޖެ

ރައްޔިތުންގެ މަޖިލީހުގެ ތަޅުން- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރަކު އެމްޑީޕީން ވަކިވިކަން އެ މެންބަރުން މަޖިލީހަށް އެންގުމުން އެމްޑީޕީގެ ދަފްތަރުން އެ މެންބަރުން އުނިކޮށްފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މެންބަރު އީވާ އަބްދުﷲ ވިދާޅުވީ 12 މެންބަރުން އެމްޑީޕީން ވަކިވިކަން މަޖިލީހަށް އަންގާފައިވާ ކަމަށެވެ.

މިއާއެކު މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ މެންބަރުންގެ އަދަދު ވަނީ 55 މެންބަރުންނަށް މަދުވެފައެވެ. އަދި މިއާއެކު މަޖިލީހުގައި ތިއްބަވާ ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެންބަރުންގެ އަދަދު ވަނީ 17 އަށް އިތުރުވެފައެވެ. މިހާރު މަޖިލީހުގައި ޕީޕީއެމްގެ 5 މެންބަރުން، ޕީއެންސީގެ 3 މެންބަރުން، އެމްއެންޕީގެ 3 މެންބަރުން، ޖޭޕީގެ 2 މެންބަރުން އަދި އެމްޑީއޭގެ 2 މެންބަރުނެވެ.

ނައިބު ރައީސް އިވާ ވިދާޅުވީ ޕާޓީތަކަށް ނިސްބަތްވާ މެންބަރުންގެ އަދަދަށް އައި ބަދަލާއެކު މަޖިލީހުގެ ކޮމިޓީތަކަށް އަންނަ ބަދަލު ފާސްކުރަން ފަހުން ހުށަހަޅާނެ ކަމަށެވެ. މިއާއެކު މަޖިލީހުގައި މެންބަރުންގެ ބަހުސްގެ ވަގުތަށް ބަދަލުއަންނާނެ ކަމަށާއި އަދި ކޮމިޓީތަކުގެ ކޮމްޕޮޒިޝަނަށް ބަދަލު އަންނާނެ ކަމަށް ވިދާޅުވިއެވެ.

މަޖިލީހުގެ 12 މެންބަރަކު އެމްޑީޕީން ވަކިވެފައިވާއިރު އޭގެތެރޭގައި ހިމެނެނީ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)، މެންބަރު މުހައްމަދު ރަޝީދު (ބޯދިގު)، މެންބަރު އަހްމަދު ޒާހިރު (ގައްދޫ)، މެންބަރު މުހައްމަދު ވަހީދު (ވައްޑޭ)، މެންބަރު ހަސަން ލަތީފް، މެންބަރު އީވާ އަބްދުﷲ، މެންބަރު އިލްޔާސް ލަބީބް، މެންބަރު އިމްތިޔާޒް ފަހުމީ، މެންބަރު ޔާސިރު އަބްދުއްލަތީފް، މެންބަރު ހަސަން އަފީފް، މެންބަރު ހުސެއިން ފިރުޝާން އަދި މެންބަރު ހަސަން ޝިޔާންއެވެ.

މި މެންބަރުން އިސްވެ ތިއްބަވާ އަންނަނީ 'ދި ޑިމޮކްރެޓްސް' ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ.