ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް އަރުވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވާ ވާހަކަ ދައްކަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައިވާ ކަމަށެވެ.
ޖުމުލަ 13 މެންބަރުން ސޮއި ކޮށް އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ 18 މޭ ގައެވެ.
މިކަމާ ގުޅިގެން ނައިބު ރައީސް އީވާ ވިދާޅުވީ ޤާނޫނުއަސާސީ އަދި މަޖިލީހުގެ ގަވައިދާ އެއްގޮތްވާގޮތުގެ މަތިން މި މައްސަލައިގެ ބަހުސްކުރަން ފެށުމުޔގެ ކުރިން ދޭންޖެހޭ 14 ދުވަހުގެ ނޯޓިސް 21 މޭ ގައި ދީފައިވާ ކަމަށެވެ.
އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކުރެވޭނެ ތާރީހެއް ފަހުން ރިޔާސަތުން އަންގާނެ ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ޝާހިދުގެ އިތުރުން ބަންޑާރަނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސްވެސް ވަނީ 16 މޭ ގައި ބަންޑާރަނައިބަށް ފޮނުވާފައެވެ.