މުޅިން އަލަށް އިންޑިއާ ފިލްމެއްގެ ރިމޭކިން ރައިޓްސް ދެކުނު ކޮރެއާގެ ސްޓޫޑިއޯއަކުން ހޯދައި އެ ފިލްމު ހަދަން ތައްޔާރުވަމުން އަންނަކަން އިއުލާންކޮށްފި އެވެ.
މި ފިލްމަކީ "ޑްރިޝަމް" އެވެ. މިއީ މަޝްހޫރު މަލަޔާޅަމް އެކްޓަރު މޯހަމްލާލް ދެ ބަޔަކަށް ކުޅުނު ފިލްމުގެ ރިމޭކްތަކެއް ބޮލީވުޑްގެ އެކްޓަރު އަޖޭ ދޭވްގަނާ އެކީ ވެސް ހަދައިގެން ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ފިލްމެކެވެ. އަޖޭއާ އެކީ 2015 ގައި "ޑްރިޝަމް" ގެނެސްދިނުމަށް ފަހު، އޭގެ ސީކްއެލް ރިލީޒްކުރީ މިދިޔަ އަހަރު އެވެ.
އެގޮތުން އޭގެ ރައިޓްސް އޮތް ޕްރޮޑިއުސަރު ކުމާރު މަންގަތާއި ދެކުނު ކޮރެއާގެ ސްޓޫޑިއޯއެއް ކަމަށްވާ އެންތޮލޮޖީ ސްޓޫޑިއޯސްއާ ދެމެދު އިއްޔެ ވަނީ "ޑްރިޝަމް" ކޮރެއާ ބަހުން ހެދުމަށް ރައިޓްސް ދޫކޮށްފަ އެވެ. މިއާ އެކީ މިކަންވެފައި ވަނީ އިންޑިއާގެ ފިލްމެއް ކޮރެއާ އިން ހަދާ ފުރަތަމަ ފަހަރަށެވެ.
މިކަން ރަސްމީކޮށް އިއްޔެ އިއުލާންކުރީ ފްރާންސްގައި މިހާރު ކުރިއަށްދާ ކާންސް ފިލްމު ފެސްޓިވަލްގެ ހަވާސާގެ ތެރޭގަ އެވެ.
"ޑްރިޝަމް" ގެ ރައިޓްސް ހޯދި ކޮރެއާގެ ސްޓޫޑިއޯ، އެންތޮލޮޖީ އަކީ ކުރިން ވޯނާ ބްރޮސްގެ ކޮރެއާ ހެޑްގެ ގޮތުގައި މަސައްކަތްކުރި ޖޭ ޗޮއި އާއި 2018 ގައި އޮސްކާގެ ތާރީހު ބަދަލުކުރި ފިލްމު "ޕެރަސައިޓް" ގެ އެކްޓަރު ސޮންގް ކަންގް ހޯގެ އިތުރުން ކޮރެއާގެ މަޝްހޫރު ޑައިރެކްޓަރު ކިމް ޖީ ވޫން އުފައްދާފައިވާ ސްޓޫޑިއޯއެކެވެ.
ބޮލީވުޑްގައި ފަހަކަށް އައިސް ކޮރެއާގެ ފިލްމުތައް އަސްލަކަށް ބަލައިގެން ފިލްމުތައް ހެދުން އާންމެވެ. މިފަދަ ބައެއް ފިލްމުތަކުގެ ތެރޭގައި ސަލްމާން ޚާންގެ 2019 ގެ "ބާރަތު" އާއި ރިލީޒްނުކޮށް އަދި އޮތް ސޯނަމް ކަޕޫރްގެ "ބްލައިންޑް" ހިމެނެ އެވެ.