Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ފްލެޓް ވިއްކުމުގައި މަކަރު ހަދާތީ ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

މެންބަރު އަބްދުالله ރިޔާޒް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ފްލެޓް ދޭނެކަމަށްބުނެ މަކަރާހީލަތުން ފައިސާ ނަގަމުންދާ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ.

މި ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒެވެ. ރިޔާޒް ހުށަހެޅި ކުއްލި މައްސަލަ ބަލައިގަންނަން ފެންނަކަމަށް ވޯޓު ދެއްވީ 18 މެންބަރުންނެވެ. އަދި ކުއްލި މައްސަލަ ބަލައިގަތުމާ ދެކޮޅަށް 26 މެންބަރުން ވޯޓު ދެއްވާފައިވެއެވެ.

އަބްދުﷲ ރިޔާޒް ހުށަހެޅި ކުއްލި މައްސަލައިގައި ބުނެފައިވަނީ އެތައް ބައެއްގެ އަތުން ބޮޑެތި އަދަދުން ފައިސާ ނަގައި ބޯހިޔާވަހިކަމުގެ ގޮތުން ވިއްކާ ފްލެޓް އިމާރާތްކޮށް ހަވާލުކުރުން ލަސްވަމުންދާ މައްސަލައަކީ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް ކަމެއް ކަމަށެވެ.

އެގޮތުން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހަދާ ބައެއް ޕްރޮޖެކްޓްތައް ހުއްޓި ކުރިއަށް ނުގޮސް މަކަރާ ހީލަތުން އެއް ފްލެޓް ގިނަ ފަރާތްތަކަށް ވިއްކާ ކަމުގެ ތުހުމަތު ކުރެވިފައިވާ ކަމަށެވެ. އަދި ބައެއް ފްލެޓްތައް ނިންމަންދިން ތާރީހު ފަހަނައަޅާގޮސް ލަސްވަމުންދާތީ ރައްޔިތުންގެ ކަންބޮޑުވުން އޮތްކަންވެސް ފާހަގަކޮށްފައިވެއެވެ.

ކުއްލި މައްސަލައިގައި ބުނެފައިވަނީ، ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓްތައް އެވޯޑްކުރުމުގައި ބަލަންޖެހޭ ވަރަށް ނުބެލުމުގެ ސަބަބުން މަސައްކަތް ހަވާލުކުރާ ފަރާތުން އެކިފަހަރު އެކި ގޮތަށް އުޒުރު ދައްކަމުންދާކަމަށެވެ. އަދި އާންމު ރައްޔިތުން އުނދަގުލުން ހޯދާ ފައިސާކޮޅު މަކަރާ ހީލަތުން ނިގުޅައިގަންނަމުންދާއިރު ރައްޔިތުންގެ ހައްޤު ރައްކާތެރިކޮށްދޭން އެއްވެސް މުއައްސަސާއަކުން ނޫޅޭކަން ފާހަގަކޮށްފައިވެއެވެ.