އިންޑިއާގެ އެކްޓަރު ސައިފް އަލީ ޚާންގެ ދޮށީ ފިރިހެން ދަރިފުޅު އިބްރާހީމް އަލީ ޚާން އެކްޓަރެއްގެ ގޮތުގައި ބޮލީވުޑަށް ނެރޭ ފިލްމު "ސަރްޒަމީން" ގެ ޝޫޓިން ނިންމާލައިފި އެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ކަޝްމީރުގައި ޝޫޓިން ފެށި ފިލްމުގެ މަސައްކަތް ނިމުނު ވާހަކަ ހިއްސާކުރީ އިބްރާހީމް، 20، ގެ ދައްތަ އަދި މިހާރު ބޮލީވުޑްގައި ކުރިއަރަމުން އަންނަ ބަތަލާ ސާރާ އަލީ ޚާން، 27، އެވެ. ސާރާ އާއި އިބްރާހީމްގެ މަންމަ އަކީ ބަތަލާ އަމްރިތާ ސިންގް އެވެ.
ފިލްމު ކޮމްޕޭނިއަންގައި ވާހަކަ ދައްކަމުން ސާރާ ބުނީ އިބްރާހީމްގެ އަލަތު ފިލްމުގެ ޝޫޓިން މިހާރު އޮތީ ނިމިފައި ކަމަށާއި އެކަން ގަބޫލުކުރަން ވެސް ދަތި ކަމަށެވެ. އެކަމަކު ކޮއްކޮ އެކްޓަރެއްގެ ގޮތުގައި ނުކުންނާތީ ވަރަށް އުފަލުން ހުރި ކަމަށް ބުންޏެވެ.
"މަންމަ އާއި އަހަރެން ވެސް އެކަމާ ވަރަށް އުފަލުން މި ތިބީ. އިބްރާހީމަކީ ވަރަށް ލޯބިވާ ކޮއްކޮއެއް. އަދި މަންމަ ވެސް އެހާ ލޯބިވާ ދަރިއެއް." ސާރާ ބުންޏެވެ.
އިބްރާހީމްގެ "ސަރްޒަމީން" އަކީ އޭނަ ސިފައިންގެ މީހެއްގެ ރޯލުން ފެންނާނެ ވަތަނީ ފިލްމެކެވެ. ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ މި ފިލްމުގެ ޑައިރެކްޓަރަކީ އެކްޓަރު ބޮމަން އިރާނީގެ ދަރިފުޅު ކެޔޯޒް އިރާނީ އެވެ. "ސަރްޒަމީން" އާ ބެހޭ އެއްވެސް ވާހަކައެއް މިހާތަނަށް ރަސްމީކޮށް ހާމައެއް ނުކުރެ އެވެ.
އެކަމަކު ރިޕޯޓްތައް ބުނާ ގޮތުން މީގެ ކާސްޓްގައި ކާޖޮލް އާއި މަޝްހޫރު މަލަޔާޅަމް އެކްޓަރު ޕްރިތުވީރާޖް ސުކްމަރަން ވެސް ހިމެނެ އެވެ.
އެކްޓަރެއްގެ ގޮތުގައި ބޮލީވުޑަށް ތައާރަފު ކުރަން ތައްޔާރީތައްވަމުން އަންނަ އިރު، އަންނަ ޖުލައި މަހު ރިލީޒްކުރަން ހަމަޖެހިފައިވާ ކަރަން ޖޯހަރްގެ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި އިބްރާހީމް މަސައްކަތްކޮށްފައިވެ އެވެ.
އޭނަގެ ދައްތަ ސާރާ ބޮލީވުޑަށް ނުކުތީ 2018 ގެ "ކޭދަރުނާތު" އިންނެވެ. ސާރާގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހުގެ 2 ގައި ރިލީޒްކުރާ "ޒަރަ ހަޓްކޭ، ޒަރަ ބަޗްކޭ" އެެވެ.